ތަރައްްޤީ

އިތުބާރު ނެތްކަމުގެ ވޯޓުގައި ހިނގައިދިޔަ ކަންކަން އައިޕީޔޫއަށް!


ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވަހަކަތަކެއް އިންޓަރ ޕާލިމެންޓްރީ ޔޫނިއަނާ ޙިއްޞާކޮށްފައިވާތީ، އެކަންކަމުގެ ޙަޤީޤަތް އައި.ޕީ.ޔޫއާ ޙިއްޞާކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅުނު މައްސަލައާ ގުޅިގެން، ރޯލްކޯލް ވޯޓް ނެގުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައި.ޕީ.ޔޫއާ ޞައްޙަ ނޫން ވާހަކަތަކެއް ޙިއްޞާ ކޮށްފައިވާކަމަށެވެ. އަދި މަޖިލީހުގައި ކަންތައްތައް ހިނގާދިޔަ ގޮތުގެ ޞައްޙަ މަޢުލޫމާތު އައި.ޕީ.ޔޫއާ ޙިއްޞާ ކޮށްފައިވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރޯލްކޯލް ވޯޓެއް ނެގުމާ ގުޅޭގޮތުން ނެންގެވި ވޯޓުގައި، މަޖިލީހުގެ ތަޅުމުގައި ނެތް ބައެއް މެންބަރުން ވޯޓު ލާފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވާހަކަދައްކާފައިވާއިރު، ވޯޓްލުން ކުރިއަށްދިޔަ ވަގުތު، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މަޖިލީހުގެ ތަޅުމުގައި ޙާޟިރުވެވެން ނެތް މެންބަރެއްގެ މޭޒުކައިރިއަށް ވަޑައިގެން، ވޯޓްލާ ސިސްޓަމާ ކުޅުއްވާކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. 

މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ މިމައްސަލައިގެ ޙަޤީޤަތް، ވީޑިއޯއާއެކު އައިޕީޔޫއާ ޙިއްޞާކޮށްފައިވާކަމަށެވެ. އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައި.ޕީ.ޔޫއަކީ ދުނިޔޭގެ 171 ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.