ޚަބަރު

ހުޅުމާލެއިން ދޫކޮށްފައިވާ 20 ބިމެއް އެޗްޑީސީއަށް ނަގައިފި


ހުޅުމާލެ ސިނާޢީ ސަރަޙައްދުން ދޫކޮށްފައިވާ 20 ބިމެއް އަނބުރާ އެޗްޑީސީއަށް ނަގާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސިނާޢީ ސަރަޙައްދުން އެކި ފަރާތްތަކަށް ސިނާޢީ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 10 އަހަރުވީއިރުވެސް އެއްވެސް މަސައްކަތެއް ނުފަށައި އޮތް ބިންތައް އަނބުރާ އެޗްޑީސީއަށް ނަގާފައިވާކަމަށެވެ. ބިން އަނބުރާ ނެގުމުގެ ކުރިން ބިމުގެ ވެރިފަރާތްތަކަށް ނޯޓިސް ދީފައިވާ ކަމަށާއި، އެހެންނަމަވެސް ބައެއް ފަރާތްތަކުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ސިނާއީ ސަރަޙައްދުން ދޫކުރާ ބިންތަކަކީ، ހުޅުމާލޭގެ ތަރައްޤީއާ ގުޅިލާމެހިފައިވާ ކަމަކަށް ވީއިރު، އެތަނުގައި މަސައްކަތް ނުފަށާ އޮންނަ ކޮންމެ ދުވަހަކީ، އެތައް ގޮތަކުން ގެއްލުންވާ ދުވަސްތަކެއްކަމަށެވެ.

ހުޅުމާލެއަކީ ވަކި ޚާއްޞަ ޕްލޭނެއްގެ ދަށުން ސަރުކާރުން ތަރައްޤީ ކުރައްވާ ތަނަކަށް ވީއިރު، ބިން ބޭނުންކުރުމުގައިވެސް ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން ސިނާޢީ ސަރަޙައްދުގައި މިހާރު ހުރި ބިންތައް ދޫކުރުމުގައި އިސްކަންދޭނީ އަސާސީ ޚިދުމަތްދެމުން އަންނަ ކުންފުނިތަކަށްކަން ސައިމަން ފާހަގަކުރެއްވިއެވެ. 

2013 ވަނަ އަހަރާ ހަމައަށް ހުޅުމާލެ ސިނާޢީ ސަރަޙައްދުން ސިނާޢީ ބޭނުންތަކަށް 127 ބިމެއް ދޫކޮށްފައިވެއެވެ. ޖުމްލަ 140 ބިން ސިނާއީ ބޭނުންތަކަށް ސިނާއީ ސަރަޙައްދުން ދޫކުރުމަށް ޕްލޭންކޮށްފައިވެއެވެ.