ޚަބަރު

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި


އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފުވެގެން ރާއްޖެ ޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ ރާއްޖެ ޓީވި ޖޫރިމަނާކޮށްފައިވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުގެރޭ އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާތީކަމަށެވެ.

ކޮމިޝަންގެ އަމިއްލަ އިސްނެގުވުމަށް ބެއްލެވި މައްސަލަ ނިންމަވާ އާއްމުކުރެއްވި ރިޕޯޓްގައި ވަނީ، އެމްޔޫއޯގެ ފަރާތުން ބޭއްވި ޖަލްސާގައި ދެއްކި ވާހަކަތައް ރާއްޖެ ޓީވީން ގެނެސްދީފައިވާއިރު އެ ކޮންޓެންޓްގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ޒިންމާ މެދު ފާޅުކަން ބޮޑުގޮތެއްގައި އާއްމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމަތަށް ގެއްލުން ލިބިދޭކަމެއްކަމަށް ކޮމިޝަނުން ކުރެއްވި ތަހްޤީގަށް ސާބިތުވެފައިވާކަމަށެެވެ. އަދި  އެ ކޮންޓެންޓް ބްރޯޑްކާސްޓްކުރި ކަމަށް ރާއްޖެ ޓީވީން އިއުތިރާފްވެފައިވާކަމަށްވެސް ކޮމިޝަންގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެއެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ހިލާފްވެގެން ރާއްޖެ ޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އެމްބީސީގެ ނިންމެވުމުގައިވެއެވެ.

މިއީ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މިހާ ބޮޑު އަދަދަކުން ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ. ރާއްޖެ ޓީވީން މީގެ ކުރިން ގެނެސްދީފައިވާ ބައެއް ކޮންޓެންޓްތައްވެސް ޤާނޫނާއި ޚިލާފްވެގެން ދުއިސައްތަ ފަންސާސް ހާސް ރުފިޔާއިން އެ ސްޓޭޝަން ޖުރިމަނާކޮށްފައިވެއެވެ.