ކުޅިވަރު

އެންރީކޭގެ ތައުރީފް ސެވިއްޔާގެ ކޯޗް ސަމްޕޯލީއަށް


ސެވިއްޔާގެ ކޯޗް ސަމްޕްއޯލީއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ވެވޭނެ ފެންވަރު ހުރި ކޯޗެއްކަމަށް ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނެފިއެވެ. 

ސްޕެނިޝް ލަލީގާގައި މިރޭ އެންރީކޭގެ ބާސެލޯނާ ނިކުންނާނީ ސަމްޕޯލީގެ ސެވިއްޔާއާއި ދެކޮޅަށެވެ. އެންރީކޭ ބުނީ ނަތީޖާތަކަށް ބަލާއިރު، ސަމްޕޯލީ ސެވިއްޔާގައި ތަފާތު ދައްކައިފިކަމަށާއި، އޭނާއަކީ މޮޅު ކޯޗެއްކަމަށެވެ. 

ޗިލީގެ ޤައުމީ ޓީމަށް ކޮޕަ އެމެރިކާ ހޯދައިދީފައިވާ ކޯޗަށް ތައުރީފް ކުރަމުން އެންރީކޭ ބުނީ، ކޮންމެ ކޯޗަކީ ސަމްޕޯލީ ފަދަ ޖޯޝަކާއި ފަންވަރެއް ހުރި މީހަކަށް ނުވާނެކަމަށާއި، އޭނާއަކީ ކުރިމަގުގައި ބޮޑެތި ޓީމްތަކުން ހޯދަން ބޭނުންވާނެ ކޯޗެއްކަމަށެވެ. 

"މިހާރުވެސް ތަފާސް ހިސާބުތަކަށް ބަލާލާއިރު ސަމްޕޯލީއަށް ތައުރީފް ހައްޤު، އޭނާއަކީ މުސްތަޤްބަލްގައި ތަފާތު ދައްކާނެ ކޯޗެއްކަން އަހަންނަށް ޔަގީން" އެންރީކޭ ބުންޏެވެ.

މި ސީޒަނަށް ފަހު ލުއި އެންރީކޭ ބާސެލޯނާ ދޫކޮށްލަން ތައްޔާރުވެފައިވާއިރު، އެ މަޤާމް ދެން ފުރާނެކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައިވެސް ސަމްޕޯލީ ހިމެނެއެވެ. 

ސަމްޕްއޯލީގެ އިރުޝާދުގެ ދަށުން ސެވިއްޔާއިން ވަނީ ރެއާލް މެޑްރިޑް މި ފަހަރުގެ ލީގުގައި ބަލިކޮށްފައެވެ. އެ މެޗަކީ ލީގުގައި ރިއާލް ބަލިވި ދެވަނަ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. 

ގަދަ ހަތަރެއްގައި ހިމެނޭ ޓީމްތަކުގެ ތެރެއިން ސެވިއްޔާއަށް މި ސީޒަންގައި ބަލި ނުކުރެވިވާ ހަމައެކަނި ޓީމަކީ ބާސެލޯނާއެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އަދި ސެވިއްޔާ ވާދަކުރާއިރު، ތާވަލްގެ އެއްވަނާގައި އޮތް ރިއާލް މެޑްރިޑް ނިކުންނާނީ ލެގަނޭސްއާއި ދެކޮޅަށެވެ.