ކުޅިވަރު

ވިދިވިދިގެން 21 އަހަރު ގަދަ 4 ގެ ޖާގައަކީ ކާމިޔާބެއް - ވެންގާ


ވިދިވިދިގެން 21 ވަނަ ސީޒަންގައި ޕްރިމިއަރ ލީގުގައި ގަދަ ހަތަރެއްގެ ޖާގަ ހޯދަން ބޭނުންވާކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ. 

ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭ ގޮތުން ވެންގާ ބުނީ މުހިންމީ ވަކި ޓީމަކާއި ދެކޮޅަށް ކުޅޭ މެޗް ނޫންކަމަށާއި، މުހިންމީ ތިން ޕޮއިންޓްކަމަށެވެ. މިހާރު ބަލިވާ، ނުވަތަ މޮޅު ނުވެވޭ ކޮންމެ މެޗަކީ ޕްރެޝާރެއްކަމަށާއި، އާސެނަލްއަށް މިވަގުތު ޕްރެޝަރަކީ މާޔޫސްކަމެއްކަމަށް ވެންގާ ބުންޏެވެ. 

"މިހާރު އެއްވެސް މެޗަކުން ބަލިވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް، ވިދިވިދިގެން 21 ވަނަ އަހަރު ގަދަ ހަތަރެއް ނުހޯދޭނެ އާދައިގެ ޓީމަކަށް" ވެންގާ ފާހަގަކުރިއެވެ.

ވެންގާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންނަށްވެސް ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއް ހޯދުމަކީ ބުރަ މަސައްކަތެއްކަން ބަލައިގަންނާނެކަމަށާއި، ޤަބޫލްކުރިޔަސް ނުކުރިޔަސް އޭނާ އާސެނަލްއާއިއެކު ނާކާމިޔާބު ސީޒަނެއް ނިންމާ ނުލާނެކަމަށެވެ. 

އޭނާ އާސެނަލްގައި މަޑުކުރާނެތޯ އެހުމުން ވެންގާވަނީ މިފަހަރުވެސް ނޫސްވެރިންގެ ސުވާލަށް ޖަވާބުދޭން ދެކޮޅު ހަދާފައެވެ. 

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އާސެނަލުންވަނީ އުމުރުން 67 އަހަރުގެ ވެންގާއަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ.