ޚަބަރު

ސޫދާނުގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ރާއްޖެގައި !


ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތު ދެއްވުމަށް ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް ދިވެހިރާއްޖެ ވަޑައިގެންފިއެވެ.

ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް، އަދި ސޫދާނުގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސްކަންވެސް ކުރައްވާ ޑރ. ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމް ރާއްޖެ ވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުގެ ދަޢުވަތަކަށެވެ. އެމަނިކުފާނަށް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތު ދެއްވުމާއި ދީނީ ތަޤްރީރުދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސޫދާންގެ ޢާއްމު ފަރުވާދިނުމާބެހޭ ދާއިރާގެ ރައީސާ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.  އެމަނިކުފާނު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ޢިމާމުންނާއި ޚަތީބުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

img:http://s4.psmnews.mv/images/660x400/14913721927541.jpg|ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ މަޖިލީހުގެ ރައީސް ޑރ.ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރައްވައި، އިސްލާމްދީނާބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ދެއްވުމުގެ މަޤްޞަދުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ދަށުން ހިންގަވާ ޚާއްޞަ ޕްރޮގްރާމެކެވެ. ޑރ. އަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމަކީ، ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން، ޢިލްމުވެރިންގެ މަޖީލީހުގެ ނާއިބް ރައީސް ކަމާއި، ސޫދާނުގެ މުޖުތަމަޢުގެ ޚާތަމުލް މުރުސަލީން މިސްކިތުގެ އިމާމުކަމާއި ޚަތީބުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.