ބަންގްލަދޭޝްގައި މަރުވެފައި އޮއްވައި ފެނުނު ދިވެހި ދަރިވަރު، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގައި އޭނާގެ ކިޔަވަމުން ދިޔަ އިސްލާމިކް ބެންކް މެޑިކަލް ކޮލެޖުގައި ކިޔަވަމުން އަންނަ ދިވެހި ބައެއް ކުދިންނާ، ބަންގްލަދޭޝްއަށް ދިޔަ ރާއްޖޭގެ ފުލުހުންގެ ޓީމުން ސުވާލުކޮށްފިއެވެ.
"ވޯގް އިންޑިއާ" ގެ ނަމުގައި އިންޑިއާގައި ނެރޭ ލައިފްސްޓައިލް މަޖައްލާގައި ފީޗަރކުރި ފުރަތަމަ ދިވެހި މޮޑެލް ރައުދާ ޢާޠިފަކީ ބަންގްލަދޭޝްގައި ޑޮކްޓަރކަން ކިޔަވަމުން އައި ދަރިވަރެކެވެ. މިދިޔަ ބުދަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ރައުދާގެ މަރާ ގުޅިގެން އެތައް ބަޔަކު އަންނަނީ ތަފާތު އެތައް ވާހަކަތަކެއް ދައްކަމުންނެވެ. ރައުދާގެ މަރުގެ މައްސަލަ ގާތުން ދިވެހި ފުލުހުން ބަލަމުން އަންނައިރު ބަންގްލަދޭޝްގައި މިހާރުވެސް ދިވެހި ފުލުހުންގެ ޓީމެއް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.
ބަންގްލަދޭޝްގައި ރައުދާގެ މަރުގެ މައްސަލަ ތަޙްޤީޤްކުރަމުން އަންނަ ދިވެހި ފުލުހުންގެ ޓީމުން ކުރާ ބައެއް މަސައްކަތްތައް ޕީއެސްއެމްއާ ޙިއްޞާކުރައްވަމުން ފުލުހުންގެ ހެޑް އޮފް ސްޓްޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ބަންގްލަދޭޝްގައި ޙަރަކާތްތެރިވާ ދިވެހި ފުލުހުން ރައުދާ ޢާޠިފް ތަޢުލީމް ޙާޞިލްކުރަމުންދިޔަ އިސްލާމިކް ބެންކް މެޑިކަލް ކޮލެޖަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އެ ކޮލެޖުގައި ކިޔަމުން އަންނަ ބައެއް ކިޔަވާ ދަރިވަރުންނާ ސުވާލުކުރިކަމަށް ޝިފާން ވިދާޅުވިއެވެ.
"ބަންގްލަދޭޝްގައި މިހާރު ޙަރަކާތްތެރިވާ ދިވެހި ފުލުހުންގެ ޓީމުން ވަނީ ރައުދާ ތަޢުލީމް ޙާޞިލްކުރަމުން ދިޔަ ކޮލެޖަށް ޒިޔާރަތްކޮށް، އެތަނުގައި ކިޔަވާ ދިވެހި ކިޔަވާ ކުދިންނާވެސް ސުވާލުކޮށްފައި،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ރައުދާގެ މަރުގެ މައްސަލާގައި ދިވެހި ފުލުހުން ރައުދާގެ ޢާއިލާއާވެސް ބައްދަލުކޮށް ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރައްވާފައިވާ ކަމަށެވެ.
ރައުދާގެ މަރުގެ މައްސަލާގައި އޭނާ ކިޔަވަމުން ދިޔަ ކޮލެޖްގެ ބައެއް ދިވެހި ދަރިވަރުންނާ ދިވެހި ފުލުުހުންގެ ޓީމުން ސުވާލުކޮށްފައިވާއިރު ރައުދާއާއެކު ކޮލެޖުގައި އެންމެ ގާތްކޮށް އުޅުނީ ކަޝްމީރަށް ނިސްބަތްވާ ދަރިވަރެއް ކަމަށްވާ ސީރަތު ޕަރުވީން މުޙައްމަދެވެ.
ރައުދާގެ މަރުގެ މައްސަލާގައި ރައުދާގެ ޢާއިލާއިން ސީރަތަށް ތުހުމަތުތަކެއް ކުރަމުން އަންނަކަމަށް ބަންގްދޭޝްގެ ޑެއިލީ ސްޓަރގައި ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައިގެ ތަޙްޤީޤަށް ވަނީ ސީރަތުގެ ފޯނު ބަންގަލަދޭޝްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް އެ ޤައުުމުގެ ފުލުހުންނާ ޙަވާލާދީ، ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ފޯނުގައިވާ ކޮންޓެންޓްތައް ބަންގްލަދޭޝްގެ ފުލުހުން އަންނަނީ ދިރާސާ ކުރަމުން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.