ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ސީއީއޯކަމަށް އާ ބޭފުޅަކު ހަމަޖައްސައިފި


އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ވިކްރަމަ ސިންހަ، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށް، އެކުންފުނީގެ ސީއީއޯކަމަށް އާ ބޭފުޅަކު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ކަމަށް އަލަށް ޢައްޔަންކޮށްފައިވަނީ، އުރީދޫ ގްރޫޕްގެ ކޮމާރޝަލް ޑިވިޝަންގެ ބިޒްނަސް ސަރވިސަސް ޓީމްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ނަޖީބް ޚާންއެވެ. މުވާޞަލާތީ ދާއިރާގައި 25 އަހަރުގެ ހޭދަކުރައްވާފައިވާ ނަޖީބު ޚާނަކީ، 2014 ވަނަ އަހަރު އުރީދޫ ގްރޫޕާ ގުޅިވަޑައިގަތުމުގެ ކުރިން ބާރްތީ އެއަރޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނެސްގެ ސީއީއޯއެވެ.

އުރީދޫ މޯލްޑިވްސްގެ ހިންގުމަށް ގެނައި މި ބަދަލާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗެއަރމަން ޚާލިދް އަލް މަޙްމޫދް ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ކާމިޔާބީގައި ވިކްރަމަ ސިންހަ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްގެ އިރުޝާދުގެ ދަށުން ކުންފުނީގެ ކާމިޔާބު ދަތުރު، އިތުރަށް ކުރިޔަށް ގެންގޮސްދޭނެ ކަމަށް ޔަޤީންކުރައްވާކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހަމަޖެއްސެވި ވިކްރަމަ ސިންހަ، އެކުންފުނީގެ ސީއީއޯކަމަށް މީގެ ކުރިން ހަމަޖައްސަވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލްމަހުގައެވެ.