ވިޔަފާރި

އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި


ހައްދުންމަތީ އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢު އިފްތިތާހްކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ.

މިނިސްޓްރީ އޮފް ފޮޝަރީޒް އެންޑް އެގްރިކަލްވަރއާއި އިފާޑާއި ގުޅިގެން ކުރިއަށްގެންދާ ހުއިފިލަނޑާ އާލާ ކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ ލ. އަތޮޅުގައެވެ. އެއަތޮޅު ދަނބިދުއާއި ކަލައިދޫގައި މި މަޝްރޫޢު ފެށިގެން ކުރިއަށްދާއިރު އިސްދޫގައިވެސް ވަނީ މަޝްރޫޢު ފަށާފައެވެ. އެރަށުގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން ކޮށިތަކަށް ވަނީ ކުދި ހުއިފިލަނޑާ ދޫކޮށްފައެވެ.

މި މަޝްރޫޢުއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، މި މަޝްރޫޢު ފަށާފައިވާ ދެރަށުގެ ތަޖުރިބާއަށް ބަލާއިރު، މިއީ ވަރަށް ކާމިޔާބު މަޝްރޫޢުއެއްކަމަށެވެ.

img:http://s1.psmnews.mv/images/660x400/15100519266448.jpg|އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

"މި ޕްރޮޖެކްޓްގަ އަޅުގަނޑުމެން މި ބެލީ ކޮންމެ ރަށަކުން ފަންސާހަކަށް މީހުން ލިބެތޯ. ފަންސާހަކަށް މީހުން ލިބިއްޖެކަމަށް ވާނަމަ އެއިން ކޮންމެ ރަށަކަށް އާމްދަނީގެ ގޮތުގައި ދެ ބުރަކަށް ހާވެސްޓް ކުރެވިއްޖެކަމަށްވާނަމަ ދިހަވަރަކަށް މިލިޔަން ރުފިޔާ ރަށުގެ އިޤްތިޞާދަށް ވަންނާނެ. ދެން އަޅުގަނޑުމެން ހިސާބުތައް ހަދާފަ ހުންނާނީ ސަރުކާރުގެ ބެޔަސް ނުބެޔަސް އެ ވަޢުދު ނުވަތަ އެ މޮޓޯގެ ދަށުން. މާނައަކީ މި ކޮށިތަކުން ލިބޭ ނަފާ އެއީ ހަމަ މަސްވެރިކަމުގެ ދާއިރާއެއްކަމަށް ބަލާފަ އެ ލިބޭ އެއްޗަކީ ކޮންމެ މަހަކު ދިހަހާސް ރުފިޔާއަށްވުރެ މަދު ނުވާނެގޮތަކަށް އަޅުގަނޑުމެން ޑިޒައިންކޮށްފައިވާ ހުންނާނީ." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްދޫދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ވިދާޅުވީ، މި މަޝްރޫޢު ހިންގާ ފުރަތަމަ އަތޮޅަކަށް ލ. އަތޮޅު ވުމަކީ އެއަތޮޅަށް ލިބޭ ބޮޑު ފަޚުރެއްކަމަށެވެ.

"މިއީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މިބާވަތުގެ ކަންތައްތަކެއް ކޮށްދެއްވާ ފުރަތަމަ ފަހަރު. އެހެންވީމަ އަޅުގަނޑުގެ ނަމުގަ އަދި މި ކަމުގައި އިސްކޮށް މިއުޅޭ ހުރިހާ ފަރާތްތަކެއްގެ ނަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރ ޝައިނީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މެމްބަރ އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން އެރަށުގެ އެތަށް ބަޔަކަށް އާމްދަނީ ހޯދުމުގެ ފަހި ފުރުސަތެއް ތަނަވަސް ވެފައިވާކަމަށެވެ. ނަމަވެސް ކޮށިތައް ހުރި ސަރަހައްދަކީ ބާނިބޮޑު އޮއިގަދަ ސަރަހައްދަކަށްވާތީ ލަނޑާ ކޮށިތައް ހިމާޔަތް ކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/15100519753718.jpg|އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

"އިސްދޫގެ މި ސަރަހައްދަކީ މޫސުންގޮސްވާ އިރެއްގައި ވަރަށް ބޮޑެތި ރާޅުތަކެއް އައިސް ވަރަށް ވަރުގަދަ އޮއިވަރެއް އުފެދޭ ސަރަހައްދެއް. މިހާރުވެސް ލަނޑާ އެޅުމުގެ ކުރިން ބައެއް ކޮށިތައް ވަނީ ވެއްޓިފަ. މިނިސްޓްރީގައިވެސް އަދި ޚާއްޞަކޮށް އިފާޑްގައިވެސް އަޅުގަނޑުމެން އެދެމުން މިދަނީ މިއަށްވުރެ ތަންކޮޅެއް ރަނގަޅު ސަޕޯޓަކާއެކު މި ކޮށިތައް އަޅަން. ޚާއްޞަކޮށް ބައެއް ކޮށިތައް ހުންނަ ސަރަހައްދަކީ ވަރަށް ޗަކަބޯ ގާތްގަނޑަކަށް ހަތަރުފޫޓް އަޑިއަށް ޗަކަ ހުންނަ ސަރަހައްދެއް. ދެން އަޅުގަނޑުމެންނަށް ލިބިފައި ހުންނަ ހޮޅިތަކުގައި ހުންނަނީ ހަ ފޫޓު. އެހެންވީމަ އެ ހޮޅިތަކުގެ ސައިޒްވެސް އަޅުގަނޑުމެން އެދެމުންމިދަނީ ނުވަ ވަރަކަށް ފޫޓަށް ދިގުކޮށްދިއުމަށް." އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.

މި މަޝްރޫޢު ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދަނީ ހުއިފިލަނޑާ ދިއުވާ އާލާކުރުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އަޙްމަދު އިބްރާހިމް ނުވަތަ ކަނދޮޅުދޫ ދޮންބެއާ ގުޅިގެންނެވެ. މި މަޝްރޫޢުއަށް ބޭނުންވާ ކުދި ހުއިފިލަނޑައާއި އަދި އެހެން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެނީ އަޙްމަދު އިބްރާހިމްއެވެ.

"އަޅުގަނޑުމެން އަތުން ކުދި ހުއިފިލަނޑާ ގަނެގެން ބޮޑުކުރިޔަސް އަޅުގަނޑުމެންނަށްވުރެ އަގުބޮޑުކޮށް ގަންނަން އައިސްފިއްޔާ ވިއްކާލެވިދާނެ. އެކަމަކު އަޅުގަނޑުމެން ގަންނާނެ އަގުތައް އޮންނާނެ އާންމުކޮށްފަ. ކޮންމެހެން ކޮށީގައި ބޮޑުކުރާ އެއްޗަހި އަޅުގަނޑުމެންނަށް ނުވިއްކިޔަސް ކުދިއެއްޗެހި އެފަރާތްތަކަށް އަޅުގަނޑުމެން ދޭގޮތަށް އޮންނާނީ. އެއީ ދެމެހެއްޓެނިވިގޮތަށް މިކަން ކުރުމަށްޓަކައި މާރކެޓް އޯޕަންކޮށް ބޭއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އަޅުގަނޑު ދެކެނީ".ކަނދޮޅުދޫ ދޮންބެ ބުންޏެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ މި މަސައްކަތް ކުރާ ފަރާތްތަކަށް ލޯނުދޫކޮށްގެންނެވެ. މިގޮތުން މި މަސައްކަތް ކުރާ ފަރާތްތަކަށް 50،000 ރުފިޔާގެ ލޯން ދޫކުރެއެވެ. މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މަރިޔަމް ފަޒްނާ ވިދާޅުވީ، ހުއިފިލަނޑާ އާލާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެނީ އާންމުކޮށް ހުޅުވާލައިގެންކަމަށެވެ.

"އަޅުގަނޑުމެން އާންމުކޮށް ހުޅުވާލައިގެން ކްރައިޓީރިއާތަކެއް ކަނޑައެޅިގެން ޕޮއިންޓް ސިސްޓަމަށް ހަމަ ޕޮއިންޓް ދީގެން ފުރުޞަތު މި ދެނީ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިޔާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލީމަ މިކަމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފުރުޞަތު މިދެނީ. ލޯނުގެ ފުރުޞަތެއް މި އޮންނަނީ. ފަންސާސް ހާސް ރުފިޔާގެ ލޯނެއް އަޅުގަނޑުމެން މި ދެނީ ކުދި ހުއިފިލަނޑައާއި، ކޮއްޓަށް ބޭނުންވާ ސާމާނު އަދި ކޮށި އެޅުމުގެ ޓެކްނިކަލް އެސިސްޓެންސް އަޅުގަނޑުމެންގެ ޕާރޓްނަރއާއި އެއްކޮށް" މަރިޔަމް ފަޒްނާ ވިދާޅުވިއެވެ.

މި މަޝްރޫޢުއާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މެރިން ރިސާރޗް ސެންޓަރގެ ސީނިއަރ ބައޮލޮޖިސްޓް ހަސަން ޝަކީލް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ކޮށްޓަށް އަޅާ ހުއިފިލަނޑާގެ ތެރެއިން ބޮޑުވަނީ ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ދެ ދަށުގެ ތަޖުރިބާއަށް ބެލުމަށްފަހު ކޮށްޓަށް އަޅާ ހުއިފިލަނޑާތަކުގެ ތެރެއިން އަށްޑިހަ އިންސައްތަ ބޮޑުވާކަމަށް ޝަކީލް ވިދާޅުވިއެވެ. މިހާރު ކޮށްޓަކަށް އަޅަނީ 3250 ކުދި ލަނޑާއެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާއަކަށްމިވީ ގާތްގަނޑަކަށް ވިހި ޕަސެންޓް މަރުވެފަ އައްޑިހަ ޕަސެންޓް ސަލާމަތްވުން. އެހެންވީމަ އައްޑިހަ ޕަސެންޓް ސަލާމަތްވީމަ މިވާގޮތަކީ ކޮއްޓަށް ތަންކޮޅެއް ބައި ބޯވަނީ. ބައިބޯވީމަ އެ ބޮޑުވާ މިންވަރު ތަންކޮޅެއް ދަށްވަނީ. އެހެންވީމަ ކުރިއަށްއޮތްތަނުގައި ބޮޑުވާ މިންވަރު ގިނަކޮށްލުމަށް ތަންކޮޅެއް ބައި ތުނިކޮށްލަނީ. ކުރިއަށްއޮތްތަނުގައި ކޮށްޓަކަށް ގާތްގަނޑަކަށް ދެހާސް ހުއިފިލަނޑާ ވަރު އަޅާގޮތަށް މިއޮތީ." ހަސަން ޝަކީލް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް 18 ފަރާރަކަށްވަނީ އެރަށުން ފޮށި ދޫކޮށްފައެވެ. މީގެރެތެރެއިން ކުދި ލަނޑާ އަޅާފައިވަނީ 6 ކޮށްޓަށެވެ. ބާކީ ހުރި ކޮށިތަކަށް އަންނަ މަސް ނިމުމުގެ ކުރިން ލަނޑާ އަޅާ ނިމޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.