ޚަބަރު

ކުޑަހުވަދޫގައި ފުލުހުން ތަރައްޤީކުރެއްވި ޕާކް ހުޅުއްވައިފި


ދިވެހި ފުލުހުންގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ދ. ކުޑަހުވަދޫ ޕޮލިސްޓޭޝަނުން އެރަށުގައި ތަރައްޤީކުރެއްވި ކުޑަކުދިންގެ ޕާކް ރަސްމީގޮތުން ހުޅުއްވައިފިއެވެ. 

މި ޕާކް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްއެވެ. މި ޕާކަކީ ފުލުހުންގެ އިޖްތިމާއީ ޒިންމާގެ ދަށުން، އެކި ފަރާތްތަކާ ގުޅިވަޑައިގެން، އެހީހޯއްދަވައިގެން އެރަށުގައި ތަރައްޤީކުރެއްވި ޕާކެކެވެ. މި ޕާކް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުއެވެ. މި ޕާކް ނިމުނުއިރު މިތަނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމަށް ކުޑަހުވަދޫ ޕޮލިސްޓޭޝަނުން ވިދާޅުވިއެވެ.

ޕާކް ހުޅުއްވުމުގެ ރަސްމިއްޔާތަށް އެރަށުގެ ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ޖަމާވެފައި ތިބިކަން ފާހަގަކޮށްލެވެއެވެ.