ޚަބަރު

"ޢަޒުމަކަށް ވާންވީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރުން"


ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވީ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ޤައުމީ ޚިދުމަތުގައި ދެމި ތިބުންކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 28 ވަނަ ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ޕާސިންގ އައުޓް ޕްރޭޑް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދ. ވާނީގައި ހުންނަ ޕޮލިސް އެކަޑަމީން ހިންގެވި ޕޮލިސް ރެކްރޫޓް ޓްރެއިނިންގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ފުލުހެއްގެ ޒިންމާއާ ޙަވާލުވުމަކީ އިމްތިޙާނެއްކަމަށެވެ. ކޮންމެ ފުލުހަކުވެސް ޢާއްމު ރައްޔިތުންނާ މުއާމަލާތް ކުރެއްވުމުގައި، އެކިއެކި ޙާލަތްތަކުގައި ކެތްތެރިކަން އިސްކުރެއްވައި، ޕްރޮފެޝަނަލް ސްޓޭންޑަޑް އިސްކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުންނާއި، ޤައުމުގެ އިންޞާފާއި ހަމަހަމަކަން އޮތީ ފުލުހުންގެ އަތްމަތީގައިކަމަށެވެ. އެހެންކަމުން ކޮންމެ ފުލުހެއްވެސް މިކަންތައްތައް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ނިމިގެން ދިޔަ ކޯހުގައި ދަސްވި އެއްޗެއްގެ ބޭނުން ހިއްޕަވައިގެން، ޢަމަލުން އެކަން ދައްކައި، ފުލުހުންގެ ވަރުގަދަ ޢަޒުމްގައި މަސައްކަތް ކުރެއްވުމަށް ގޮވާލެއްވިއެވެ.