ކުޅިވަރު

ކްލޭ ކޯޓު މުބާރާތްތަކުން ފެނުން މަދުވާނެ - ފެޑްރާ


ކްލޭ ކޯޓު މުބާރާތްތަކުން ފެނުން މަދުވާނެ ކަމަށް ރޮޖަރ ފެޑްރާ ބުނެފިއެވެ. މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ރަފޭލް ނަދާލް ބަލިކުރުމަށްފަހު ފެޑްރާ ބުނީ ކްލޭ ކޯޓުގެ މުބާރާތްތަކުން ފެނުން މީގެ ފަހުން މަދުވާނެ ކަމަށާއި، ފިޓްކޮށް ހުރުމަށް މިހާރު ބޭނުންވަނީ އަރާމު ކުރުން ކަމަށެވެ. 

މޭ ފަހުކޮޅު ފަށާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުރިން އިތުރު އެއްވެސް މުބާރާތަކުން ނުފެންނާނެ ކަމަށާއި ފްރެންޗް އޯޕަންއާ ޖެހެންދެން ބޭނުން ވަނީ އަރާމު ކުރަން ކަމަށް 35އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ. އެއްލެވެލްއެއްގައި ކުޅެން ބޭނުންނަމަ މިހާރު ކުޅޭ މުބާރާތްތައް މަދުކޮށްލަން ޖެހޭކަމަށް ރޮޖަރ ފެޑްރާ ބުންޏެވެ.

" އަހަރެންގެ އުމުރު ތަން ނުދޭ އިތުރު ގިނަ މުބާރާތްތަކެއް ކުޅޭކަށް. އުމުރުން މިހާރު މިހުރީ 24 އަހަރުގައެއް ނޫން. އެހެންވީމަ މިހާރު ދެން ބޭނުން ވާނީ އަރާމުކުރަން" ފެޑްރާ ބުންޏެވެ.

 ސްވިޒަލޭންޑްގެ ކުޅުންތެރިޔާ ކްލޭ ކޯޓު މުބާރާތްތައް މަދުކޮށްލައިފިނަމަ މޮންޓެކާލޯ މާސްޓަރސް، މެޑްރިޑް އޯޕަން، ރޯމް އޯޕަން އަދި އިސްތަމްބޫލް އޯޕަންއިން ނުފެންނާނެއެވެ.

ރޮޖަރ ފެޑްރާ މިއަހަރު ފަށާފައިވަނީ ވަރަށް ކާމިޔާބުކަމަށާއެކުއެވެ. މިއީ 2006ވަނަ އަހަރުގެ ފަހުން ފެޑްރާ އެންމެ ކާމިޔާބުކޮށްފެށި ފުރަތަމަ އަހަރުއެވެ.

މިއަހަރުގެ މިހާތަނަށް ކުޅުނު 19މެޗުގެ ތެރެއިން ފެޑްރާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.