ޚަބަރު

"ވިމަން ލީޑަރޝިޕް" އެވޯޑު ރައީސްގެ އަނބިކަނބަލުންނަށް !


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ވިމަން އޮން ބޯޑްސްގެ ފަރާތުން އެކަމަނާ އަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.

އެކި ރޮނގުރޮނގުން އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިޢްޔާއެއް ކަމަށްވާ ވިމަން އޮން ބޯޑްސް، (ވޮބް)ގެ އެނުއަލް އެވޯޑްސް ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެވޯޑު އެރުވީ، ވޮބްގެ ރައީސާ ފާޠިމަތު ޝަފީޤާއެވެ. އެކަމަނާ އަށް ލިބިވަޑައިގަތީ "ވިމަން ލީޑަރޝިޕް" އެވޯޑެވެ. 

ރައީސުލްޖުމްޙޫރިއްޔާގެ އަނިބަލުންނަށް ލިބިވަޑައިގަތް އެވޯޑަކީ، މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އެކަމަނާ ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކާއި މިންނެތް މަސައްކަތްޕުޅު ފާހަގަކުރުމުގެ ގޮތުން އެރުވި އެވޯޑެކެވެ. 

img:http://s3.psmnews.mv/images/660x400/14912778805148.jpg|ރޭ އެވޯޑް ލިބިވަޑައިގެންނެވި ކަނބަލުންނާއެކު ރައީސްގެ އަނބިކަނބަލުން - ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަކީ، ސިޔާސީ، އިޖުތިމާޢީ ދާއިރާތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ޤައުމަށް ކުރައްވާ ބޭކަނބަލެކެވެ. 

އެކަމަނާގެ ޚިދުމަތް އެންމެބޮޑަށް ފާހަގަވަނީ އިޖުތިމާޢީ ދާއިރާއިންނެވެ. އެގޮތުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލު ބައްލަވައި، ސީދާ އެފަދަ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި، އެހީތެރިވެވަޑައިގަންނަވުމަކީ އެކަމަނާ މެދުކެނޑުމެއްނެތި ކުރައްވަމުންދާ މަސައްކަތްޕުޅެއްކަން ފާހަގަކުރެވެއެވެ. 

މީގެއިތުރުން އަންހެނުން ބާރުވެރިކުރުވައި، އެންހެނުންނަކީ މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތައް ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި، ތަފާތު އެކި ޙަރަކާތްތައް ހިންގަވައި، އެކަންކަމުގައި އަންހެނުންބައިވެރި ކުރުވުމަކީވެސް އެކަމަނާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މިގޮތުން ދާދިފަހުން މާލޭގައި ބޭއްވި ހީވާގި ކަނބަލުން މައުރަޒަކީ ފާހަގަކޮށްލެވޭ ޙަރަކާތެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެބޮޑު ޙަރަކާތެވެ. 

އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާ ވޮބްގެ އެނުއަލް އެވޯޑްސް ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވރިކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.