ކުޅިވަރު

ވީއޭއެމްގެ ނައިބުރައީސްކަމުން އިއްޒަތު ވަކިކޮށްފި


ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބް ރައީސްކަމުން އިއްޒަތު ވަޙީދު ވަކިކޮށްފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯގެ ބައެއް ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް ޑައިރެކްޓަރ މުޙައްމަދު ޝަރަފް ވިދާޅުވީ އިއްޒަތު ވަކިކޮށްފައިވަނީ ރޭ ބޭއްވި އާއްމު ޖަލްސާއެއްގައި ކަމަށެވެ. އިއްޒަތު ވަކިކުރީ ފުރިހަމަ މެމްބަރުންގެ އަގްލަބިއްޔަތުންކަމަށް ޝަރަފް ވިދާޅުވިއެވެ. 

ޓެކްނިކަލް ޑައިރެކްޓަރުގެ އިތުރުން ޤައުމީ ވޮލީބޯޅަ ޓިމްގެ ކޯޗު މުޙައްމަދު ޝަރަފް ވިދާޅުވީ މި ފިޔަވަޅު އަޅަން ޖެހުނީ ރާއްޖޭގެ ވޮލީއަށް ގެއްލުންވާގޮތަށް އިއްޒަތު މަސައްކަތް ކޮށްފައިވާތީކަމަށެވެ. އިއްޒަތުގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި އޭވީސީގެ ބޯޑް މެމްބަރު މުޙައްމަދު ރިޔާޒުވެސް ވޮލީބޯޅައަށް ގެއްލުންވާގޮތަށް މަސައްކަތްކުރަމުންދާކަމަށް ޝަރަފް ތުހުމަތުކުރެއްވިއެވެ.  ރާއްޖޭގައި މިދިޔަ ހަފްތާގައި ނިމުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުރި ޤައުމުތައް ރާއްޖެ ނައުމަށާއި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމަށް މަސައްކްތްކޮށް ރިޔާޒްއާއި އިއްޒަތު ބައިވެރިވެގެން އެޤައުމުތަކަށް ލިޔުންތަކެއް ފޮނުވާފައިކަމަށްވެސް ޝަރަފް ވިދާޅުވިއެވެ. 

ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒަށް ވޮލީބޯޅަ އެސޯސިއޭޝަނުން ތާއީދު ނުކުރާނެކަމަށާއި، އެވީސީގެ ގޮނޑި ރިޔާޒަށް ގެއްލޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޝަރަފް ވިދާޅުވިއެވެ. އަދި އެ މަގާމަށް މިހާރުގެ ރައީސް މުޙައްމަދު ލަތީފް ގެންނަން ބޭނުންވާކަމަށްވެސް ރިޔާޒުގެ ދައުރުގައިވެސް އެސޯސިއޭޝަންގައި މަސައްކަތްކުރެއްވި ޝަރަފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިއްޒަތަށް ގުޅުމުން އޭނާ ވިދާޅުވީ މަޤާމް ގެއްލޭނެކަމަށް ގަބޫލްނުކުރައްވާކަމަށެވެ. އަދި މިހާރު ހުރި ރައީސަކީ ސައްޙަ ރައީސެއް ނޫންކަމަށް އިއްޒަތު ވިދާޅުވިއެވެ. ރިޔާޒް ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތްވެސް ނިންމާލީ މުޙައްމަދު ލަތީފްގެ ރައީސްކަމުގެ ދަށުންނެވެ. ހޯމް މިނިސްޓްރީއާއި އޭވީސީންވެސް ޤަބޫލުކުރައްވަނީ ލަތީފްއަކީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައެވެ.