ކުޅިވަރު

ބެންގަލޫރު އެފްސީ - ތިން އަހަރުގައި ގިނަ ރެކޯޑްތަކެއް މުގުރާލި


ކްލަބް ފުޓްބޯޅައަށް ބަލާލާއިރު ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމްތައް ފެނިގެންދަނީ އިންޑިޔާއިންނެވެ. އިންޑިޔާގެ ކްލަބްތަކުގެ ތެރެއިން ބެންގަލޫރު އެފްސީއަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީ ހޯދީ ޓީމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

2013ވަނަ އަހަރު އިންޑީޔާގެ އައި ލީގުގައި ވާދަކުރަން ފެށި ބެންގަލޫރު އެފްސީ އިންޑިޔާގެ މުބާރާތްތަކުގައި ވާދަކުރާ މީ ހަތަރުވަނަ އަހަރެވެ. މި ވީ ކުރު މުއްދަތުގެ ތެރޭގައި އެޓީމުންވަނީ އިންޑިޔާގެ ވަރުގަދަ އައި ލީގު ދެ ފަހަރު ހޯދާފައެވެ. އެޓީމް އަތުން އައި ލީގް ގެއްލުނު ފަހަރު އެންމެ ފަހު މެޗާއި ހަމައަށްވެސް އޮތީ އެއްވަނާގައެވެ. އައި ލީގުގައި ވާދަކުރި ފުރަތަމަ އަހަރު ލީގް އުފުލާލި ހަމައެކަނި ޓީމަކީވެސް ބެންގަލޫރު އެފްސީއެވެ.

ސަރަޙައްދީ ކްލަބް ފުޓްބޯޅަ މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީ ވާދަކުރި ފުރަތަމަ އަހަރު ދެވަނަ ބުރުން ޖާގަ ހޯދިއެވެ. ދެވަނަ އަހަރު ގިނަ ބަޔަކު ސިއްސުވާލުމަށްފަހު މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއެވެ. ސެމީ ފައިނަލުން ޖާގަ ހޯދައި ސާކް ސަރަހައްދުގެ ކްލަބްތަކުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ނިއުރޭޑިއަންޓްގެ ރެކޯޑް ބެންގަލޫރުން މި ދިޔަ އަހަރު މުގުރާލިއެވެ.

މިދިޔަ އަހަރު ބެންގަލޫރު އެފްސީއާއި ހަވާލްވި ކޯޗް އަލްބާޓް ރޮކާއާއިއެކު އެޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. މި ސީޒަންގައި އެޓީމްގެ އެންމެ ބޮޑު އަމާޒަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ހޯދި ކާމިޔާބީ ތަކުރާރު ކުރުމެވެ.

img:http://s4.psmnews.mv/images/660x400/14912126616664.jpg|ސުނިލް ޗެތްރީ ޕްރެކްޓިސްގައި ބޯޅަ ޖައްސާލާއިރު، ކޯޗް ރޮކާ ބަލަހައްޓައިގެން / ފޮޓޯ : ޒިންޙުއާ

މާދަމާގެ މެޗާއި ގުޅޭގޮތުން ރޮކާ ބުނީ އަވޭ މެޗެއް ކާމިޔާބުކުރުމަކީ ދެވަނަ ބުރުން ޖާގަ ހޯދަން ލިބޭނެ ބޮޑު ހިތްވަރެއްކަމަށާއި، މާޒިޔާގެ މެޗަށް ނިކުންނަނީ މޮޅުވާންކަމަށެވެ. ގަލޮޅު ދަނޑުގެ ހޫނަކީ މިހާރު ބެންގަލޫރު އެފްސީގެ ކުޅުންތެރިންނަށް އާ ކަމެއް ނޫންކަމަށާއި، މާޒިޔާ ޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އިނގޭކަމެކެވެ.

"މާޒިޔާ ވެސް ފުރަތަމަ މެޗުން މޮޅުވެފައި  އޮތީމަ އިތުރަށް ޓަފްވާނެ މި މެޗް. މާދަމާ މޮޅުވެއްޖެ ނަމަ އެއީ އަހަރެމެންނަށް ކުރިއަށްދާން ލިބޭ ބޮޑު ހިތްވަރެއް. މާޒިޔާއަކީ ހަތަރު ބިދޭސީ ކުޅުންތެރިންނާއިއެކު ވަރަށް ވަރުގަދަ ޓީމެއް. އެހެންވެ މެޗު އެއްގޮތަކަށް ވެސް ފަސޭހަކޮށް ނުނަގާނަން"

ތެދެކެވެ. އޭއެފްސީކަޕަށް ކޯޗް ރޮކާ އިސްކަންދޭ މިންވަރު އެންމެ ފަހުން އެޓީމް އައި ލީގުގައި ކުޅުނު މެޗުންވެސް އިނގެއެވެ. ވާދަވެރި މޯހަން ބަގާންއާއި ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރާގައި ހިމަނާފައެއް ނުވެއެވެ. ކެޕްޓަން ސުނިލް ޗެތުރީއާއި އެއް ނަންބަރު ކީޕަރު އަރިންދަމް އަދި އިންޑިޔާ ގައުމީ ޓީމްގެ މިޑްފިލްޑަރ ލިންޑޯވެސް އިނީ ބެންޗުގައެވެ.

މާދަމާގެ މެޗަކީ ކެޕްޓަން ސުނިލް ޗެތުރީއަށް ޚާއްސަ މެޗެކެވެ. ގަލޮޅު ދަނޑުގައި އޭނާ ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެ ރެކޯޑް ދަމަހައްޓަންވެސް ބެންގަލޫރުން ބޭނުންވެއެވެ.

ބެންގަލޫރު އެފްސީ ވަނީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއާ ވާދަކޮށްފައެވެ. މާލޭގައި ކުޅުނު މެޗުން 2-1ން ބެންގަލޫރު އެފްސީ މޮޅުވިއިރު، ބެންގަލޫރުގައި ކުޅުނު މެޗުން ވެސް އެޓީމް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ.