ޚަބަރު

މަތިވެރީގައި ހިންގެވި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މާލެ އޭރިއާއިން އއ. މަތިވެރީގައި ހިންގެވި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމަވާލައްވައިފިއެވެ. 

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އއ. މަތިވެރި ތުނޑީ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. 

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މިއަދު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސް އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، މަތިވެރި ސްކޫލު ދަރިވަރުން ވަނީ އެރަށުގެ ބަނދަރުމަތީގައި ޘަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. 

އއ.މަތިވެރީގައި ހިންގެވި ފަތަން ދަސްކޮށްދިނުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

img:http://s2.psmnews.mv/images/660x400/14911325228589.jpg|ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެމްއެންޑީއެފް

އއ.މަތިވެރީގައި ހިންގެވި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެރަށު ކައުންސިލަށާއި މަތިވެރި ސްކޫލަށާއި މަތިވެރި އަންހެނުންގެ ކޮމިޓީއަށް އެމްއެންޑީއެފްގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. މި ހަނދާނީ ފިލާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފެބުރުއަރީމަހުގެ 19 އިން މާރޗްމަހުގެ 25 ވަނަދުވަހުގެ ނިޔަލަށް އއ.މަތިވެރީގައި ހިންގެވި "ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" އާއި "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމުގައި 187 ފަރާތެއް ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށެވެ. މިގޮތުން "ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" 108 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމުގައި 79 ފަރާތެއް ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14911324574726.jpg|އެމްއެންޑީއެފުން ހިންގެވި ޕްރޮގްރާމްގެ ބައިވެރިން / ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރުން އެމްއެންޑީއެފްގެ ކައުންސެލިންގެ ފަރާތުން ނަފްސުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކައުންސެލިންގ ކުލާސްތަކެއް މާރޗު މަހުގެ 16 ން 18 އަށް ހިންގާފައިވާކަމަށާއި، މި ކުލާސްތަކުގައި 90 ފަރާތެއް ބައިވެރިވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

އއ. މަތިވެރީގައި އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގި ޕްރޮގްރާމްތަކަކީ އއ. މަތިވެރި ކައުންސިލާ ގުޅިގެން ހިންގުނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.