ޚަބަރު

ޒުވާން ލީޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި


ޒުވާން ލީޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ. ހޯމް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން ބޭއްވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

ކޮންމެ ޤައުމެއްގައިވެސް އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ ޒުވާނުންނެވެ. ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމެވެ. ޤައުމުގެ މުސްތަޤްބަލެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ސިޔާސަތަކީ ޒުވާނުން ބާރުވެރި ކުރުވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތެވެ. އެގޮތުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން އަންނަނީ ކޮންމެ އަހަރަކުވެސް ގެޓްސެޓްގެ ނަމުގައި ލޯން ދޫކޮށް ޒުވާން ވިޔަފާރިވެރިން އުފައްދަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންނަށް ފާހަގަކުރެވޭ ކަންކަން ޙިއްސާ ކުރުމަށް 2015ވަނަ އަހަރުގެ މާޗް މަހުގެ 11ވަނަ ދުވަހު ވަނީ ޔޫތު ލީޑަރސް ނެޓްވޯރކްގެ ނަމުގައި ނެޓްވޯރކެއް އުފައްދަވާފައެވެ. މި ނެޓްވޯރކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން އުފައްދަވާފައިވާ ނެޓްވޯރކެކެވެ.

މި ނެޓްވޯކްގެ ފަރާތުން ޒުވާން ލީޑަރުން ތަމްރީން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޕްރޮގްރާމު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ތޮލާލް ވިދާޅުވީ އަދުގެ ސަރުކާރަކީ ޒުވާނުންނަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ސަރުކާރެއް ކަމަށެވެ. އަދި ޒުވާނުންގެ އަޑު މިއަދުގެ ސަރުކާރުން އަހާނެ ކަމަށް ތޮލާލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ ޤައުމެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމުގައިވާ ޒުވާނުންނަކީ ޤައުމުގެ އެންމެ އިސް ސަފުގައި މުސްތަޤްބަލުގައި ތިބޭނެ މީހުން ކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނީ ލީޑަރުންނަކީ ކޮބައިކަމާއި ލީޑަރެއްގެ ގައިގައި ހުންނަންޖެހޭނެ ސިފަތައް މިޕްރޮގްރާމްގެ ދަށުން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ޒުވާނުންނަށް މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބައެއް ބައިވެރިން ސިފަކޮށްފައިވެއެވެ.

ޔޫތު ލީޑަރސް ނެޓްވޯކަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މުއްދަތުގައި ޤައުމިއްޔަތު ދިރުވާ އަދި ޒިންމާދާރު ރައްޔިތެއް ބުނާ ކުރުމުގެ މެންޑޭޓާ ގުޅިގެން ޔުނިވަރސިޓީ އަދި ކޮލެޖްތަކުން ދަރިވަރުން އެކުލެވޭ ގޮތަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން އުފައްދަވާފައިވާ ނެޓްވޯކެކެވެ. މި ނެޓްވޯރކުގެ މަޤްޞަދަކީ ދިވެހި ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި، މަދަނީ ގޮތުން ޙަރަކާތްތެރިވެ އުޅުމަށް މަގުފަހި ކޮށްދިނުމުގެ އިތުރުން، ޒިންމާދާރު ގޮތެއްގައި ޙަރަކާތްތެރިވެ އުޅުމުން މަޙްރޫމުކުރާ ފަދަ އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ޚާއްސަކޮށް މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވިހިފުމުން، ކުދިންނާއި ޒުވާނުން ދުރުހެލި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.