ތަޢުލީމު

ތަޢުލީމާބެހޭ އިސް ފަރާތްތަކެއް ބައިވެރިވާ ބައްދަލުވުމެއް ފަށައިފި


ޔުނިވަރސިޓީ ގްރޭންޓްސް ކޮމިޝަންސް އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ. ސާކްގެ 8 ޤައުމުން މެންބަރުން ބައިވެރިވާ މި ބައްދަލުވުން ކުރިޔަށް ދަނީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.

ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި ބައްދަލުވުން ފަށްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ވަނީ މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ރާއްޖެއާއި ސާކް ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސާކް ކޮލިޓީ އެޝުއަރެންސް ނެޓްވޯކުގެ މަސައްކަތްތައް ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ސާކް ޗެއަރސް، ފެލޯޝިޕް އަދި ސްކޮލާޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސާކް ޤައުމަތަކުގެ ދަރިވަރުން ރާއްޖެއަށް އަންނަމުންދާކަމަށާއި ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީ ގްރޭންޓްސް ކޮމިޝަންސްގެ އިސްވެރިންގެ މެދުގައި ބާއްވާ މި ބައްދަލުވުމުގައި، ސާކް ސަރަހައްދުގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މެމްބަރުން ޤައުމަތަކުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި  މަތީ ތަޢުލީމާއި ބެހޭ ސިޔާސަތުތައް އެކަށައަޅާ ސަރަހައްދީ ޔުނިވަރސިޓީތަކުން ދޭ ސެޓްފިކެޓްތަކުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލްތަކާއި ގުޅޭގޮތުންވެސް މި ބައްދަލަވުމުގައި މަޝްވަރާކުރާނެއެވެ.