ތަރައްްޤީ

ނައިފަރުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ބަޔަކާ ޙަވާލުކުރަނީ


ޅ.އަތޮޅު ނައިފަރުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރައްވަން ވަރަށް އަވަހަށް ބަޔަކާ ޙަވާލުކުރައްވާނޭ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އެންޑް އެނަރޖީ އަބްދުﷲ މަތީން ވިދާޅުވީ، މި މަޝްރޫޢަށް ބޭނުންވާ ފަންޑު މިހާރު ހަމަޖެހި، މަޝްރޫޢު ކުރިއަށް ގެންދަން އައިޑީބީން ޙުއްދަ ދެއްވާފައިވާ ކަމަށެވެ. ނައިފަރުގައި ފެނާ ނަރުދަމާ މަޝްރޫޢަށް ބިޑަށް ހުޅުއްވާލެއްވުމުން ހަތަރު ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ނައިފަރުގެ ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގެ ދަށުންނެވެ. އެހެންނަމަވެސް މިމަޝްރޫޢަށް ޚަރަދުވަނީ ކިހާވަރެއްކަން އެންވަޔަރަމެންޓް މިނިސްޓްރީއަކުން ހާމައެއްނުކުރައްވައެވެ.

ނައިފަރު ކައުންސިލުން ވިދާޅުވީ، އެރަށުގައި މިހާރު ބޭނުންކުރާ ފެން ހުންނަނީ ވަރަށް ބޮޑަށް ތަޢައްޔަރުވެފައިކަމަށާއި، އެއީ ރަށުގެ ރަށްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ ނައިފަރުގައި ފަސް ހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީގެ ލޯން އެހީގެ ދަށުން މިއަހަރު ފަސް ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަށް ހިންގުމަށް 796.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 88 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.