ޚަބަރު

އައިޕީޔޫގެ ޒުވާން ޕާލަމެންޓް ބޯޑު މެންބަރަކަށް ޢަބްދުﷲ ރިފާއު


އިންޓަރ ޕާލަމެންޓް ޔޫނިއަން (އައިޕީޔޫ)ގެ ޒުވާން ޕާލަމެންޓް ބޯޑު މެންބަރުކަމުގެ މަޤާމު ދެއަހަރުދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރަގެ މެމްބަރު ޢަބްދުﷲ ރިފާއު ހޮވިވަޑައިގެންފިއެވެ. 

މިއީ ޢުމުރުން 45 އަހަރުންދަށުގެ ޕާލަމެންޓް މެންބަރުންނަށް ވާދަކުރެވޭ މަޤާމެކެވެ. 8 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި ދެ ސަރަހައްދަކުން މެމްބަރުން ތިއްބަވައެވެ. މިފަހަރުގެ ބޯޑަކީ އައިޕީޔޫގެ ޒުވާން ޕާލަމެންޓްގެ ދެވަނަ ބޯޑެވެ. 

ރިފާޢު މި މަޤާމަށް ހޮވިވަޑައިގަތީ އީރާނާއި މޮންގޯލިއާގެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ. މި ބޯޑަށް މެމްބަރުން ޢައްޔަން ކުރެއްވުމަށް ނެންގެވި ވޯޓުގައި 18 ޤާއުމަކުން ބައިވެރިވެފައިވާއިރު ރިފާއު މި މަޤާމަށް ހޮވިފައިވަނީ 12 ޤައުމަކުން އޭނާއަށް ވޯޓު ދީގެންނެވެ. 

މިދިޔަ އަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފާއި މީދޫ ދާއިރާގ މެމްބަރު ރޮޒައިނާ އާދަމްވެސް މި މަޤާމަށް ވާދަކުރައްވާފައިވެއެވެ. ނަމަވެސް މި ދެ ބޭފުޅުން ހޮވި ވަޑައިގެންފައެއް ނުވެއެވެ.