ޚަބަރު

ޕޯޗުގަލްގެ އައު ސަފީރު ފަތްކޮޅު އަރުވައިފި


ޕޯޗުގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޖޯ ޑޮ ކާމޯ އަތައިދެ ދަ ކަމަރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕޯޗުގަލްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕޯޗުގަލްއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރާއްޖެއިންދޭ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒުކޮށް، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ހަލުވި ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14911302259401.jpg|ޕޯޗުގަލް އައު ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭރުގެ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަންކަން ކަމުގައި ވިދާޅުވެ، އެކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ތަރައްޤީވެ، ޤައުމުގެ އާމްދަނީ އިތުރުވާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ޕޯޗުގަލްގެ އަމިއްލަ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕޯޗުގަލްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޕޯޗުގަލްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ރާއްޖެއާއި ޕޯޗުގަލް ވަރަށް ޚިޔާލު އެއްގޮތް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ޕޯޗުގަލްގެ ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.