ޚަބަރު

ޢުމަރު ޒާހިރަށް ފުލުހުންގެ ޝަރަފުގެ އެވޯޑް އަރުވައިފި


ފުލުހުންގެ މުއައްސަސާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، އެ މުއައްސަސާ ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަށް ފުލުހުންގެ ޝަރަފުގެ އެވޯޑު އަރުއްވައިފިއެވެ.

މި އެވޯޑު ޢުމަރު ޒާހިރަށް އެރުއްވީ، ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ރޭ ބޭއްވެވި ޖަލްސާގައެވެ. ދެހާސް ހަތަރުވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހު ފުލުހުންގެ މުއައްސަސާއަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވިއެވެ. އަދި އެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށަށް އެދުވަހުން ފެށިގެން ބަދަލުކުރިއެވެ.

އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުއެވެ. އޭނާ ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ފުލުހުންގެ މުއައްސަސާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. އެގޮތުން އެމުއައްސަސާ ކުރިއެރުއްވުމަށް އޭރު ޕޮލިސް ކޮމިޝަނަރއަކަށް ހުންނެވި އާދަމް ޒާހިރަށް ލަފާ އެރުއްވި އެންމެ އިސް ބޭފުޅަކީވެސް އުމަރު ޒާހިރުއެވެ. 

2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އުމަރު ޒާހިރުވަނީ ފުލުހުންގެތެރޭގައި، އިންސާނީ ވަޞީލަތް އިތުރުކުރެއްވުމަށާއި، ޢުމްރާނީ ތަރައްޤީ ހޯއްދަވާ ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޢުމަރު ޒާހިރުގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ފުލުހުން އެރުވި ޝަރަފުގެ އެވޯޑާއި ޙަވާލުވީ އެމަނިކުފާނުގެ ޢާއިލާގެ ފަރާތުންނެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަހަރީ ދުވަހުގެ ޖަލްސާގައި ވަނީ ފުލުހުންގެ ޚިދުމަތަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފުލުހުންނަށްވެސް ހަނދާނީ ފިލާ ދެއްވާފައެވެ.

މި ހަނދާނީ ފިލާ އެބޭފުޅުންނަށް ދެއްވީވެސް ރައީސް ޢަބްދުﷲ ޔާމީންއެވެ. މީގެއިތުރުން ޢާންމު ފަރާތްތަކުގެ ތެރެއިން ތަފާތު އެކި ރޮނގުރޮނގުން ފުލުހުންނަށް އެހީތެރިވެދެއްވި ފަރާތްތަކަށްވެސް މި ޖަލްސާގައި ވަނީ ހަނދާނީ ފިލާ ދެއްވަވާފައެވެ. މި ފިލާ އެފަރާތްތަކާ ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.