ޚަބަރު

"ފުލުހުންގެ ދައުރަށް ހުރަސްއަޅަމުންދާކަމީ ދިމާވާ ގޮންޖެހުމެއް"


ފުލުހުންގެ އިސްވެރިންގެ ގޮތުގައި، އެކި މަޤާމުތަކުގައި ތިއްބެވުމަށްފަހު ނުކުމެވަޑައިގެން މިއަދު، ސިޔާސީ މަޤާމުތަކުގައި ތިއްބަވައިގެން ފުލުހުންނާ ކުރިމަތިލުމަށާއި، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމަށް ގޮވާލައްވާ ބޭފުޅުންގެ ސަބަބުން ފުލުހުން ގޮންޖެހުން ކުރިމަތިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 84ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކޮންމެ ފުލުހަކީވެސް މުޖުތަމަޢުގެ ރޯލްމޮޑެލަކަށްވާންޖެހޭ ކަމަށެވެ. ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މުޖުތަމަޢުން ކުށްމަދުކުރުން ނޫންކަމަށާއި ކަމެއް ދިމާވާ ކޮންމެ ޙާލަތެއްގައި ހަމަޖެހުމާއި އަމާންކަން ގެނެސްދޭންޖެހޭ ބަޔަކީވެސް ފުލުހުންކަމަށެވެ. މިއަދު އެކަން ރައްޔިތުން ޤަބޫލުކުރާކަމަށާ، މީގެކުރިން އެތައް ދުވަސްތަކެއް ވަންދެން ދިގުލައިގެންދާ މައްސަލަތައް މިއަދު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭ ކަމަކީ ފުލުހުންނާމެދު އެމަނިކުފާނުވެސް އުފާކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންނަށް އޮތް މިނިވަންކަމާއި މުސްތަޤިއްލުކަން ދިވެހިންނަށް އެނގޭކަމަށާ، އެކަންކަމާ ބޭރުގެ ފަރާތުން ބެހެން ފުރުޞަތު ނުދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުން މިދިޔަ އަހަރު ބެލި ހަތަރުހާހަށްވުރެ ގިނަ މައްސަލައިގެ ދެބައިކުޅަ އެއްބަޔަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ކަމަށްވުމާއެކު ފުލުހުންނަށް ހުރި ނުރައްކާ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ދިވެހި ފުލުހުން މިއަދު ކުރިމަތިލާންޖެހެނީ ހަމައެކަނި ދާޚިލީ ކަންކަމާ ނޫންކަމަށެވެ.

"ފުލުހަކަށް ބާރުލިބޭ ހަތިޔާރަކީވެސް އަދި ފުލުހަކު ވެއްޓެންދާއިރު ލެނގިލާ އެއްޗަކީވެސް ޤާނޫނު ދިވެހިރާއްޖޭގައި މަދުންނަމަވެސް އެންމެ ބޮޑެތި ނުރައްކާތަކާ ފުލުހުންނަށް ކުރިމަތިލާން ޖެހިފައިވާކަން ދިވެހި ތާރީޚުން އެނގެން އެބައޮތް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ ޒިންމާދާރުކަން ކަނޑައަޅައިދޭ ކަމަކީ މުޖުތަމަޢުގެ އަމާންކަމާއި ޞުލްޙަވެރިކަން އޮންނަ މިންވަރުކަމަށާ، އެމަގަށް މިއަދު ފުލުހުންގެ މަސައްކަތްތައް ބައްޓަންވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.