ޚަބަރު

"ފުލުހުނަށް ދިމާވި ދަތިތައް ސަރުކާރުން ވަނީ ހައްލުކޮށްދެއްވާފަ"


އިންތިހާއަށް ކަންބޮޑުވެފައިވާ ދަރަޖައަކަށް ފުލުހުންގެ ޙާލަތު ގޮސްފައި ވަނިކޮށް، ޤާނޫނީ ޒިންމާ އަދާކުރުމުގެ މަގު ފުލުހުންނަށް ފަހިކޮށްދެއްވީ، މިއަދުގެ ސަރުކާރުންކަމަށް ހޯމްމިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް، އަޒްލީން އަޙްމަދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފުލުހުން މަސައްކަތް ކުރެއްވީ ވަރަށް ދަތި ޙާލުގައިކަމަށެވެ. އެއީ ފުލުހުންގެ ޖާނާއި ފުރާނަ ނުރައްކަލުގެތެރޭގައި އޮތް ދުވަސްވަރެއްކަމަށާ، ޤާނޫނު ތަންފީޒުކުރުމާއި، ރައްޔިތުންގެ ޙިމާޔަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފުލުހުން ފަހިވެފައި އޮންނަންޖެހޭ މަގުތައް ދަތި ދުވަސްތަކެއްގެގޮތުގައި މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ. އަދި މިއަދު ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް މަސައްކަތަކަށް ވެފައިވާކަމަށާ، އެ މަސައްކަތް މިއަދުގެ މުޖުތަމަޢު ބަލައިގަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ތަރައްޤީއަށް ބޭނުންވާ ވަރަށްގިނަ ވަޞީލަތްތައް މިހާރު ޤާއިމް ކުރެވިފައިވާކަމަށާ، ފުލުހުންގެ މަސައްކަތުގެ ދުވެލި މިއަދު އަވަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މީގެކުރިން 160 ދުވަހުގެ ތެރޭގައި ނިންމޭ މައްސަލަތައް މިއަދު 30 ދުވަހުގެ ތެރޭގައި ނިންމާލެވޭކަން މިނިސްޓަރ އޮފް ހޯމް އެފެއާޒް ފާހަގަކުރެއްވިއެވެ.

ފުލުހުން މިއަދު މަސައްކަތްކުރައްވަނީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްކަމަށާ، އެގޮތުން ރާއްޖޭގެ 116 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިކުރައްވައިގެން މިހާރު ޚިދުމަތް ދެއްވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.