ވިޔަފާރި

ހޮންކޮންގާއެކު ބޭއްވި މިނިވަން ވިޔަފާރީގެ ވާހަކަތައް ނިންމާލުން


މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާ ހޮންކޮންގއާ ދެމެދު ކުރިއަށް ގެންދަވާ ވާހަކަތަކުގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު މިއަދު ނިންމަވާލައްވައިފިއެވެ. ދިވެހި ސަރުކާރާއޮ ހޮންގކޮންގއާ ދެމެދު ކުރިޔަށް ގެންދަވާ މިނިވަން ވިޔަފާރީގެ ވާހަކަތަކުގެ ދެވަނަބުރު ފަށްޓަވާފައިވަނީ، މިދިޔަ އަންގާރަ ދުވަހުއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހޮންގކޮންގާއި ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ކުރިއަށްގެންދެވީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް ދެޤައުމުގެ ދެމެދުގައި ބޭއްވެވި 2 ވަނަ ބުރުގެ ވާހަކަތައް ވަރަށް ކާމިޔާބު ކަމަށެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ، ހޮންގކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް މިހާތަނަށް ކުރެއްވި މަޝްވަރާތަކުން ދިވެހި ވިޔަފާރިވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހޮންގކޮންގ މާރކެޓުން ވަރަށް މުހިއްމު ފުރުޞަތުތަކެއް ފަހިވެގެން ހިނގައްޖެ ކަމަށެވެ.

މިހާތަނަށް ލިބިވަޑައިގެންނެވި ކުރިއެރުންތަކަށް ބައްލަވާއިރު ރާއްޖޭގެ ވިޔަފާރިތަކުން ހޮންގކޮންގގައި ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި ރާއްޖެއިން ހޮންގކޮންގގެ މާރކެޓަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް އެއްވެސް ޓެރިފެއް ނުނަގާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލަކީ ފްރީޓްރޭޑް ކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު، މުސްތަޤްބަލުގައި ދިވެހިރާއްޖެ ވާނީ މިސަރަޙައްދުގެ ފްރީޓްރޭޑް ހަބަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮންގކޮންގއާއި ދިވެހި ސަރުކާރާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ފުރަތަމަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ސައްބީހުން ތިރީހަށް ހޮންކޮންގގައެވެ. ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކަށައެޅުއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، ޖަޕާނު، އެމެރިކާ ފާހަގަކޮށްލެވެއެވެ.