ކުޅިވަރު

ޔުނައިޓެޑަށް ނޭމާ ގެނައުމަކީ ނުވާނެ ކަމެއް - މޮރީނިއޯ


މެންޗެސްޓަރ ޔުނައިޓެޑަށް ނޭމާ ގެނައުމަކީ ނުވާނެ ކަމެއް ކަމަށް ކޯޗް ޚޯޒޭ މޮރީނިއޯ ބުނެފިއެވެ.

 ރެކޯޑް އަގަކަށް ނޭމާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފެށިކަމަށް އަޑުތައް ފެތުރިފައިވާ މިދަނޑިވަޅުގައި ޔުނައިޓެޑްގެ ކޯޗް ޚޯޒޭ މޮރީނިއޯ ބުނީ ނޭމާއަކީ ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، މެސީއަށް ފަހު ބާސެލޯނާ ލީޑު ކުރުމުގައި ހަރަކާތްތެރިވާނީ ނޭމާ ކަމަށެވެ. އެހެން ކަމުން ބާސެލޯނާއިން ނޭމާ ދޫ ނުކުރާނެ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

 25އަހަރުގެ ނޭމާގެ މޮޅު ކުޅުމާއެކު ބްރެޒިލް އަންނަ އަހަރުގެ ވަރލްޑްކަޕުން ޖާގަ ހޯދާފައިވާއިރު، މިސީޒަނުގައި މިހާތަނަށް ނޭމާ ވަނީ ބާސެލޯނާއަށް 14 ގޯލު ކާމިޔާބުކޮށްދީފައެވެ. އިނގިރޭސި ބައެއް ރިޕޯޓްތައް ބުނާގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އަންނަނީ 200މިލިއަން ޕައުންޑްގެ ބިޑެއް ނޭމާ ހޯދުމަށް ހުށަހަޅަން ތައްޔާރުވަމުންނެވެ. އަދި ނޭމާއަކީ ޔުނައިޓެޑްގެ ޓްރާންސްފަރގެ މެއިން ޓާގެޓް ކަމަށްވެސް ރިޕޯޓްތައް ބުނުއެވެ. 

އެންމެ ފަހުގެ ޓްރާންސްފަރގައިވެސް މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޕޮގްބާ ހޯދުމަށް ރެކޯޑް އަދަދަކަށް ޚަރަދުކޮށްފައެވެ.