ޚަބަރު

ޓީވީއެމުން ގެނެސްދޭ ބޭރުގެ ކާރޓޫނުތައް ދެއްކުން ހުއްޓާލައިފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މައި ޓީވީ ޗެނަލް ޓީވީއެމުން ގެނެސްދޭ ބޭރުގެ ކާރޓޫނުތައް ދެއްކުން ހުއްޓާލައިފިއެވެ.

މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފަށްޓަވާފައިވާ ތަރިކަ މަޝްރޫޢަށް ދޭ އެއްބާރުލުމެއްގެ ގޮތުން އެޅި ފިޔަވަޅެކެވެ. ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ހެނދުނު ޓީވީއެމްއިން ގެނެސްދިން ޚާއްޞަ ލައިވް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ މިއަދުން ފެށިގެން ޓީވީއެމުން ބޭރުގެ ކާރޓޫނެއް ނުދައްކާނެ ކަމަށެވެ.

އިކްރާމް ވިދާޅުވީ، ކާޓޫނުގެ ބަދަލުގައި މިއަދުން ފެށިގެން ޓީވީއެމްއިން ގެނެސްދެމުންދާނީ ދިވެހިވަންތަ އިސްލާމީ އުޞޫލުތައް ފެންނަ ކުޑަކުދިންނާ ގުޅޭ ޕްރޮގްރާމްތައް ކަމަށެވެ. އެ ޕްރޮގްރާމްތަކަކީ އަޚްލާޤީ އަދި ޢާއިލީ ޕްރޮގްރާމްތަކަކަށް ވާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

"މިއަދުން ފެށިގެން ދިވެހިވަންތައް ކާރޓޫން އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން މިވަނީ ފަށާފައި،" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.

ބޭރުގެ ކާޓޫނުތައް ދެއްކުމުގެ ބަދަލުގައި ދިވެހިވަންތަ އަދި އިސްލާމީ އުޞޫލުތަކާއި ރިވެތި އަޚްލާޤް ކުޑަކުދިންނަށް އުނގަންނައިދޭ ޕްރޮގްރާމްތައް ޓީވީއެމްއިން ގެނެސްދޭން ފެށުމަށް ނިންމާފައިވާއިރު، މިފަދަ ޕްރޮގްރާމްތައް އުފައްދަން ޝައުޤުވެރިވާ ފަރާތްތަކަށް ޕީއެސްއެމްއިން އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށްވެސް އިކްރާމް ވަނީ ވިދާޅުވެފައެވެ.

ޓީވީއެމްގެ އަހަރީ ދުވަހާ ގުޅުވައިގެން ޕީއެސްއެމްއިން ވަނީ ޓީވީ އާއި ރޭޑިއޯއަށް ޕްރޮގްރާމް އުފެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ހުޅުވާލުމަށް ނިންމާފައެވެ.