ޚަބަރު

ޕީއެސްއެމްއާ ގުޅިގެން ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށް ހުޅުވާލައިފި


އަތޮޅު ތެރޭގައި ކޭބަލް ޓީވީ ހިދުމަތް ދެއްވާ ފަރާތްތަކުން ޕަބްލިކް ސަރވިސް މީޑިއާ އާއި ގުޅިގެން އެ ހިދުމަތް ދިނުމުގެ ފުރުސަތު ޕީއެސްއެމުން ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން ޕީއެމްއެގެ ހުރިހާ ޗެނަލަކާއި ޕީއެސްއެމުން ރައިޓްސް ހޯދާ ބޭރުގެ ޓީވީ ޗެނަލްތައް ބްރޯޑްކާސްކުރުމުގެ ފުރުސަތު ކޭބަލް އޮޕަރޭޓަރުންނަށް ލިބިގެންދާނެއެވެ.

ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގެނެސްދެމުންދާ ޙާއްސަ ލައިވް ކަވަރޭޖްގައި ވާހަކަދައްކަމުން، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ކޭބަލްޓީވީގެ ހިދުމަތް ދެއްވާނެކަމަށެވެ. މިގޮތުން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އާލާތްތައް ހޯއްދަވާ އިންފްރާސްޓްރަކްޗަރ ޤާއިމްކުރެއްވުމުގެ މަސައްކަތްކަމަށް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ކޭބަލް ޓީވީ މެދުވެރިކޮށް ދައްކާނެ ޗެނަލްތައް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ މިއަހަރު ތެރޭގައި މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުންނާއި ރިސޯޓްތަކުން ބޭނުންވާ އެޖެންޓުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އިކްރާމް ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތުގެ މުހިއްމު ބައެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށްޓަވާނެކަމަށެވެ. އެގޮތުން މި ހިދުމަތް މުޅި ރާއްޖެއަށް ދެއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ޤާއިމުކުރެއްވުމުގެ މަސައްކަތް އަތޮޅު ތެރޭގައި ފަށްޓަވާފައިވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

ޕިއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ޕީއެސްއެމުން ކޭބަލް ޓީވީގެ ހިދުމަތް ދެއްވާނީ ވަރަށް ކުޑައަގެއްގައިކަމަށެވެ. މި އަހަރުގެ ތެރޭގައި ޕީއެސްއެމްގެ ކޭބަލް ޓީވީ ހިދުމަތް ދެއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް މިހާރު ކުރައްވަމުންގެންދަވާކަމަށް ޕިއެސްއެމްގެ މެނޭޖްމަންޓުން ވިދާޅުވެއެވެ.