ޚަބަރު

ދިވެހި ފިލްމު "ހާދަރު" ޓީވީއެމްއިން މިރޭ ދައްކަނީ


ފިލްމު "ހާދަރު" އަކީ ސިފައިންގެ އެކުވެރި ކުންފުނި ސިފްކޯގެ އެހީތެރިކަމާއެކު އުފައްދާފައިވާ ފިލްމެކެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަޙީދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ''ހާދަރު'' ޑައިރެކްޓް ކޮށްފައިވަނީ ސިފައިންގެ މޮޅު ޑްރާމާތައްވެސް ޑައިރެކްޓް ކޮށްފައިވާ އައްޝަރު ވަޙީދުއެވެ. 

ދިވެހި ފިލްމް ހާދަރަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމުގެ އިސްނެންގެވުމުގެ މަތިން ސިފައިން ކުރި މަސައްކަތެކެވެ. މި ފިލްމް އުފެއްދުމަށް އެމްއެންޑީއެފުގެ ބަޖެޓުން އެއްވެސް ހޭދައެއް ކުރައްވާފައެއް ނުވެއެވެ. މުޅި ފިލްމުގެ ހުރިހާ ޚަރަދެއްހެން ކޮށްފައިވަނީ ހެޔޮ އެދޭ ފަރާތްތަކުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންގެ ތެރޭގައި މުހައްމަދު ޝަމްޢޫން، ފަސީޙް އަޙްމަދު، ޝަބާނާ މުހައްމަދު، ޢާއިޝަތު މާޖިދާ ހިމެނެއެވެ. މީގެ ތެރެއިން ބައެއް ތަރިން ބުނިގޮތުގައި ފިލްމުން ފެނިގެންދާ ހުރިހާ ތަރިންވެސް އެމީހަކު ކުޅެފައިވާ ރޯލު ކުޅެފައިވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެގެނެވެ.

ފިލްމުގައި 3 ނޮވެމްބަރުގެ ބަތަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ޙުސައިން އާދަމްގެ މިސާލު ދައްކުވައި ދޭ ރޯލެއް ކުޅެފައިވެއެވެ. އެ ފިލްމުގައި ފެންނަ ގޮތުން ޙުސައިން ނަމަކަށް ކިޔާ މީހަކު ކުޑައިރުން ފެށިގެން ސިފައިންގެ މީހަކަށް ވުމަށް ޢަޒުމު ކަނޑައަޅައި ތެދުވެރި ނަޒާޙަތްތެރިއެއްގެ ގޮތުގައި ދެމިހުރެއެވެ. އެންމެ ފަހުން އެ އުންމީދުތައް ޙަޤީޤަތަކަށް ވެގެންދެއެވެ. ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އޭނާ މަސައްކަތްކުރެއެވެ. އެ ފިލްމުން ދައްކައިދޭ ޙުސައިން ހިމެނިގެންގޮސްފައި ވަނީ ޤައުމަށް ވަފާތެރި މީހެއްގެ ގޮތުގައެވެ. ހިތްވަރާއި އަޒުމާއެކު އޭނާ ކުރިމަތިލަނީ ވަރުގަދަ ހަނގުރާމައަކާއެވެ. ޤައުމުގެ ދިފާޢުގައި އޭނާ ކެރިގެން ނުކުންނަ މަންޒަރު އެ ފިލްމުން ފެނިގެންދެއެވެ. 

މި ފިލްމުގައި ފަހުގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންކޮށްފައިވެއެވެ. ފިލްމުގެ ބައެއް މަންޒަރުތައް ޑްރޯންއިން ނަގާފައިވާއިރު، ބަޑިޖަހާ މަންޒަރު ދައްކުވައިދެނީ އެނިމޭޓްކޮށްގެނެވެ.