ޚަބަރު

އަހަރީ ދުވަހާ ގުޅުވައިގެން ޕީއެސްއެމް އިން އިތުރު ފުރުޞަތުތަކެއް


ޓީވީ މޯލްޑިވްސްއަށް 39 އަހަރު ފުރި 40 ވަނަ އަހަރު ގުނަން ފެށުމާއެކު ޕީއެސްއެމުން ޢާންމުކޮށް 3 ކަމެއްގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ޓީވީއެމްގެ އަހަރީ ދުވަހުގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް އިޢުލާންކުރެއްވި އެއްކަމަކީ ދިވެހި ޒުވާނުންގެ މިއުޒިކާއި ލަވަކިޔުމުގެ ހުނަރު އިތުރަށް ތަރައްޤީކޮށް ޢާންމުނާ ހަމައަށް އެ ހުނަރު ގެނެސްދިނުމާއި އަދި އެފަންނުގެ އުފެއްދުންތަކުން ފަންނުވެރިންނަށް މާލީ މަންފާ ލިބޭގޮތަށް ވިޔަފާރިކުރުމުގެ ފުރުޞަތެވެ. މި ހުޅުވާލި ފުރުޞަތުގެ ދަށުން މިޔުޒިކް ގްރޫޕްތައް، ޕީއެސްއެމްގެ ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީކޮށް، ޓީވީ ސްޓޫޑިއޯތަކުގައި ޝޯވތައް ހުށަހެޅުމުގެ ފުރުޞަތު ހިލޭ ފަހިކޮށްދެވޭނެއެވެ. އަދި އެފަދަ އުފެއްދުންތަކުގެ އަލްބަމްތައް އުފައްދައި ވިޔަފާރިކޮށް އެއިން ފަންނުވެރިންނަށްވެސް މާލީ މަންފާ ލިބޭގޮތަށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ މަގު ޕީއެސްއެމްއާ ގުޅިގެން ކުރިޔަށް ގެންދިއުމުގެ މަގުފަހިކޮށްދޭނެއެވެ.

މިއަދު ހުޅުވާލި އަނެއް ފުރުޞަތަކީ ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކާއި ޓީވީ ޗެނަލްތަކަސް ޕްރޮގްރާމް އުފެއްދުމުގެ ފުރުޞަތު ޒުވާނުންނަށް ދޭން ހަމަޖެއްސުމެވެ. މިކަމަކީވެސް އެ އުފައްދާ ޕްރޮގްރާމްތަކަށް ކުންފުނިން ކަނޑައެޅިފައިވާ އުޞޫލުން އަގުލިބޭގޮތަށް ހަމަޖެހިފައިވާ ކަމެކެވެ. ކުންފުނީގެ ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެގެން، ފަންނުވެރިންނަށް ޢާމްދަނީ ލިބޭގޮތަށް މި ފުރުޞަތުގެ ބޭނުންކުރުމުގެ މަގު މިއަދު މި ކުރެއްވި އިޢުލާނާ ގުޅިގެން ހަމަޖެހޭނެއެވެ.

މިއަދު ޕީއެސްއެމްގެ މެނޭޖްމަންޓުން އިޢުލާންކުރި އަނެއްކަމަކީ، ކޭބަލް ޓިވީގެ ޚިދުމަތްދޭ ފަރާތްތަކަށް ހުޅުވާލި ފުރުޞަތެކެވެ. ޕީއެސްއެމުން ރައިޓްސް ހޯދާ ބޭރުގެ ޓީވީ ޗެނަލްތަކާއި ޕީއެސްއެމްގެ އަމިއްލަ ޗެނަލްތައް، ޕާޓްނަރޝިޕް އެގްރިމަންޓެއްގެ ދަށުން، އެ ފަރާތްތަކުންގެ ޗެނަލް ބޮކޭތަކުގައި ހިމެނުމުގެ ފުރުޞަތު މިއަދުން ފެށިގެން ދިނުމަށް ޕީއެސްއެމުން ތަނަވަސްކޮށްދޭނެއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ، ރާއްޖޭގައި މޮޅު، ހުނަރުވެރި ގިނަ ފަންނާނުން އެބަތިބި ކަމަށާއި މިފަދަ ފުރުޞަތުތައް ބޭނުންކޮށްގެން ކުރިއެރުމުގެ ފުރުޞަތު އެ ފަދަ ޒުވާނުންނަށް ފަހިކޮށްދިނުމަކީ ޕީއެސްއެމުން ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ.

ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން މި ހުޅުވާލި ފުރުޞަތުތައް ހުޅުވާލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ޒުވާނުންނާއި ކަންކަން އަންގައިދިނުމާއި އުގަންނައިދިނުމާއި މުނިފޫހިފިލުވައިދިނުމުގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ފަރުޞަތު އިތުރުކޮށްދިނުމާއި އެ ފަންނު ޢާންމުންނާ ހަމައަށް ގެނެސްދިނުމާއި އެ ފަންނުވެރިންގެ މަސައްކަތުން އެކަށީގެންވާ ޢާމްދަނީއެއް ހޯދުމުގެ މަގުފަހިކޮށްދިނުން ހިމެނެއެވެ.