ޚަބަރު

ފުލުހުންގެ އަހަރީ ދުވަހު، ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި


ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން އޮތެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު އަރީފާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ. img:http://s3.psmnews.mv/images/660x400/14907292944941.jpg|ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތް ސިފައިންގެ ޚިދުމަތާއެކު އެއް މުއައްސަސާއެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.