ޚަބަރު

ޓީވީއެމްގެ ޚިދުމަތަށް 39 އަހަރު


ޓެލެވިޜަން މޯލްޑިވްސް(ޓީވީއެމް)ގެ ޚިދުމަތް މީގެ 39 އަހަރުކުރިން 29 މާރޗް 1978ގައި ފެށިގެންދިއައީ ވަރަށް އާދައިގެ ގޮތެއްގައެވެ. އިންސާނީ ވަސީލަތް މަދުވެފައި، ފަންނީ ޤާބިލުކަމާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން، ދިމާވި އެތަކެއް ގޮންޖެހުމަކާއި އެކީގަވެސް، މާލެ އާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށް ދޭންފެށި ޚިދުމަތް، މިއަދު ރާއްޖޭގެ މުޅި އާބާދީއަށް މިދަނީ ލިބެމުންނެވެ. 

ޚިދުމަތްދޭން ފެށިއިރު ޓީވީއެމްގައި ހުރީ އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެކެވެ. އެ ސްޓޫޑިއޯގައި ހުރީ އެންމެ 9 ލައިޓާއި 2 ކެމެރާއެވެ. މަސައްކަތް ކުރަން ތިބީ ޖުމްލަ 8 މުވައްޒަފުންނެވެ.

1978 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޓެލެވިޜަން މޯލްޑިވްސްއިން "ވަގުތުން" ދުރަށް ދެއްކިއެވެ. ޓީ.ވީއިން ކަމެއް ވަގުތުން ދުރަށް ދެއްކުމަށް ބޭނުންވާ ސާމާނު އޭރު ލިބިފައި ނެތް ހިނދު ވެސް، ޓެލެވިޜަން މޯލްޑިވްސްއިން ވަނީ އެ ރަސްމިއްޔާތު އެންމެ ތިރީސް މިނެޓުގެ ލަސްވުމަކާއެކު ގެނެސްދީފައެވެ. އެ ރަސްމިއްޔާތު، ވިހި މިނިޓުން ވިހި މިނިޓުން ޓޭޕަށް ރިކޯޑްކޮށް، ވަގުތުން އެ ޓޭޕްތައް ބައިސްކަލުގައި ދުއްވާފައި ޓެލެވިޜަން މޯލްޑިވްސް އަށް ގެންގޮސް، ފަހަރަކު ޓޭޕެއް ދުރަށް ދައްކައިގެން، ޓެލެވިޜަން މޯލްޑިވްސްގެ އޭރުގެ ހީވާގި އަދި ޙަރަކާތްތެރި މުވައްޒަފުން ވަނީ އެކަން ކާމިޔާބުކޮށްފައެވެ.

ފާއިތުވެދިޔަ 39 އަހަރު ދުވަހުގެ ތެރޭގައި، ޓެލެވިޜަން މޯލްޑިވްސް ވަނީ އެތަކެއް ކުރިއެރުން ތަކެއް ހޯދައިފައެވެ. ޢުމްރާނީ ގޮތުންނާއި، ބޭނުންކުރާ ސާމާނުގެ ގޮތުންނާއި، މުވައްޒަފުންގެ ޢަދަދާއި ފެންވަރުގެ ގޮތުންނާއި، ޚިދުމަތް ދެވޭ މިންވަރާއި ފެންވަރުގެ ގޮތުންނާއި، އަދި މިނޫން ވެސް އެތައް ގޮތަކުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ޙާސިލުކޮށްފައެވެ.

1990ވަނަ އަހަރާއި ހަމައަށް އައިއިރުވެސް ޓީވީގެ ޚިދުމަތް ދެމުން ދިޔައީ ހަމައެކަނި ރާއްޖެއަށެވެ. ނަމަވެސް އެއަހަރުގެތެރޭގައި ޓީވީއެމްގެ ސިގްނަލް ރާއްޖޭއިން ބޭރަށް ފޮނުވުމަށްޓަކައި ކުރެވުނު މަސައްކަތުގެ ކާމިޔާބުކޮށް ޓީވީއެމްގެ ޚިދުމަތް ރާއްޖެއިން ބޭރަށްވެސް ލިބޭގޮތް ހަމަޖެހުނެވެ. އެގޮތުން އެންމެ ފުރަތަމަ ފޮނުވީ 1990ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފަސްވަނަ ސާރކް ސަމިޓްގެ ޚަބަރުތަކެވެ.

ޓީވީ މޯލްޑިވްސް އުފެދުނީ މައިގަނޑު 3 މަގްސަދެއް ހާސިލް ކުރުމަށް. އެއީ، އަންގައިދިނުމާއި، އުނގަންނައިދިނުމާއި، ހޭލުންތެރިކަން އިތުރުކޮށްދިނުމެވެ.

ޓެލެވިޜަންގެ ނުފޫޒާއި ފައިދާ ވިސްނެމުންދިޔަ ވަރަކަށް، އެއިން ގައުމަށް ލިބުނު މަންފާތައް ވެސް ދިޔައީ ފެންނަމުންނެވެ. އެ ގޮތުން، އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އެންމެ ފުރަތަމަ ރޭވިގެންދިޔަ ކަމަކީ، 1991 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު ހިންގި "ޓެލެތޯން" ޕްރޮގްރާމްއެވެ. އެ ޕްރޮގްރާމުން ފަސް ސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދުނެވެ.

އޭގެ ފަހުން، ބޮސްނިޔާ ފަންޑަށް ފައިސާ ހޯދުމަށްޓަކައި، "ބޮސްނިޔާ އެޕީލް" ގެ ނަމުގައި، 1995 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 09:00 ޖެހިއިރު، ޕްރޮގްރާމެއް ފެށިއެވެ. އެ ޕްރޮގްރާމް ނިންމާލީ، ޖެހިގެން އައި ދުވަހުއެވެ. ފުރަތަމަ ފަހަރަށް ޓީވީ މޯލްޑިވްސްއިން ފޮނުވި 41 ގަޑިއިރުގެ މި ލައިވް ޓެލެކާސްޓުން، 11 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދިއެވެ.

އިންޑޮނީޝިޔާ އަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ އަށް ކުރުމުން، ޑިސެމްބަރ 26 ވަނަ ދުވަހުގެ ހެނދުނު ފެށި ޓްރާންސްމިޝަން، އެ ކާރިސާއާ ގުޅިގެން، މެދުކަނޑާނުލައި 2005 ޖެނުއަރީ 16 ވަނަ ދުވަހުގެ ދަންވަރު 01:00 އަށް ކުރިޔަށް ގެންދިޔައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ލިބުނު ގެއްލުމާއި، މީހުންގެ ހާލަތާއި، އެހީ ފޯރުކޮށްދޭންވީ ގޮތްތަކާއި ތަންތަން، މެދުނުކެނޑި އަންގަމުން ގެންދިޔައެވެ. މި ކަމަށްޓަކައި ބައެއް މުވައްޒަފުން 24 ގަޑިއިރު ޑިއުޓީއަދާކުރިކަން، ފަޚްރުވެރިކަމާއެކު ފާހަގަކުރަމެވެ.

ޢުމްރާނީ ތަރައްޤީއާ އެކީގައި ޓީވީއެމްގެ މެނޭޖުމަންޓުތަކުން ދިޔައީ ތަނުގައި އިންސާނީ ވަޞީލަތް ޤާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ތަނުގެ މުވައްޒަފުން އިތުރުކޮށް ތަނުގެ މުވައްޒަފުންނަށް ތަފާތު އެކި ތަމްރީންތައް ދެވެން ފެށިއެވެ. ތަނުގެ މުވައްޒަފުން އިތުރު ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޓީވީއެމްގެ 39ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ތަނުގައި މިވަގުތު 414 މުވައްޒަފުން ތިބުމެވެ.

ޓީވީއެމްގެ ޓްރާންސްމިޝަން އެންމެ ފުރަތަމަ ފެށްޓެވިއިރު ޓްރާންސްމިޓް ކުރީ ކޮންމެ ދުވަހަކު 90 މިނެޓެވެ. 80ހައިގެ އަހަރުތަކުގެ މިވަގުތު އިތުރުކުރެވިގެންދިޔައެވެ. އެކި އަހަރުތަކުގައި ޓީވީގެ އޮންއެއަރ ގަޑިތައް އިތުރުވަމުން ގޮސް މިއަދު ޓީވީއެމްގެ ޓްރާންސްމިޝަން ހެނދުނު 8:00އިން ރޭގަނޑު 12:30އާ ހަމައަށް ޢާއްމުގޮތެއްގައި ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ޚާއްސަ ޙާލަތްތަކާގުޅިގެން 24 ގަޑިއިރުވެސް ޚިދުމަތްދެމުންދެއެވެ.

ޓީވީއެމްގެ އުމުރުން 39 އަހަރު ފުރޭއިރު، ދިވެހިންގެ އުއްމީދާ މިސްރާބުވެސް ވަނީ އެހެން ހިސާބެއްގައެވެ. އެހެންކަމުން މިއަދު ޓީވީއެމްވެސް މިހުރިހާ ކަމަކަށް ތައްޔާރުވާންޖެހެއެވެ. މިކަމަށް ޓީވީއެމް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެނެވެ. އަދި އެކަން ޓީވީން އަންނަނީ ދިވެހި ރައްޔިތުންނަށް ދައްކައިވެސްދެމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2015ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ ނަމުގައި ކުންފުންޏެއް އުފައްދާ އެ ކުންފުނިން ޓެލެވިޜަން މޯލްޑިވްސް ކުރިއެރުވުމަށް ކުރަމުންދާ މިންނެތް މަސައްކަތެވެ. އަދި ދިވެހި ރައްޔިތުން ގަޔާވާފަދަ ޕްރޮގްރާމްތަކެއް އުފެއްދުމަށް ކުންފުނީގެ މެނޭޖްމަންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންމެވެ.

އެންމެ ފުރަތަމަ ކުންފުނީގެ މެނޭޖުމަންޓުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ދެއްކުމަށް ޚާއްސަ ޗެނަލެއް އުފެއްދިއެވެ. އަދި ޒުވާނުންނަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚާއްސަކޮށްގެން ޔެސް ޓީވީގެ ނަމުގައި ޚާއްސަ ޗެނަލެއް އުފެއްދިއިރު ދީނީ ތަފާތު އެކި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން މުންނާރުގެ ނަމުގައި ވަނީ ޓިވީ ޗެނަލްއެއް އުފައްދާފައެވެ.

މީގެއިތުރުން ރާއްޖޭގެ ރީތިކަން ހަމަކޮށް ރާއްޖެއިން ބޭރަށް ޤައުމު އިސްތިހާރު ކުރުމަށް ޕީއެސްއެމްގެ މެނޭޖުމަންޓުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެން ދިޔަ ބޮޅެއްގެގޮތުގައި މޯލްޑިވްސް ޓީވީގެ ނަމުގައި ޚާއްސަ ޓީވީ ޗެނަލް ވަނީ މިހާރު އުފައްދާފައެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޢުމުރުން މިއަދު 39 އަހަރު ފުރުނުއިރު މިއަދު އެންމެ ބޮޑަށް ޓީވީން މަސައްކަތް ކުރަނީ ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ތާޒާކަމާއި، އެކު އެންމެއަވަހަށް ފޯރުކޮށްދިނުމަށެވެ.