ސިއްހަތު

ރޯގާގެ ޙާލަތު އަންނަނީ ރަނގަޅުވަމުން - އެޗްޕީއޭއިން


މާލެއާއި އަތޮޅުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާއާއި އިންފުލުއެންޒާގެ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ، މީހުން ގިނަ ތަންތަނަށް އެއްނުވުމަށާއި، ފްލޫން ރައްކާތެރިވުމަށް އެ އިދާރާއިން ދެއްވި އިރުޝާދުތަކަށް ޢާއްމުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށެވެ. އަދި މިކަމުގައި އަމިއްލަ ފަރުދުންނާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށް އެޗްޕީއޭން ފާހަގަކުރައްވައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 619 މީހުން އެޗްވަން އެންވަން އަށް ޓެސްޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި އަދަދުގެ ތެރެއިން 222 މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭން ވިދާޅުވެއެވެ. މި ހިސާބުތަކަށް ބަލާއިރު އިންފުލުއެންޒާއަށް ޕޮޒިޓިވް ވެގެން 22 މީހަކަށް ގެންދަވަނީ އެޑްމިޓްކޮށްގެން ފަރުވާދެއްވަމުންނެވެ. އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފަރުވާއަށްފަހު 10 މީހުން ދޫކޮށްލާފައިވެއެވެ. އިންފުލުއެންޒާ އެޗްވަންއެންވަން އަށް ޕޮޒިޓިވްވެގެން މިހާތަނަށް 6 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 2 އަންހެނުންނާއި 4 ފިރިހެނުންނެވެ. އަރިދަފުސް ރޯގާއާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު 1154 މީހުން މުޅި ރާއްޖެއިން ޑޮކްޓަރަށް ދައްކާފައިވެއެވެ. އެއީ އަތޮޅުތަކުން 797 މީހުންނާއި މާލެއިން 357 މީހުންނެވެ.

އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ކޮންޓްރޯލްކުރުމަށް އެޗްޕީއޭއާއި ކަމާގުޅޭ މުއައްސަސާތަކުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންފުލުއެންޒާ ފެތުރެން ފެށުމާއެކު ބަލިމީހުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވައި ޚާއްޞަ ފްލޫ ކުލިނިކްތަކެއް ޤާއިމްކުރެއްވިއެވެ. އަދި މިއާއެކު މިކަމަށް ޚާއްޞަ ގައިޑްލައިންއެއް އެކުލަވާލައްވައި، މިބަލީގެ ނުރައްކާ ބޮޑުވުމުގެ ފުރުޞަތު އޮތް މީހުންނަށް ވެކްސިން ދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި މިކަމަށް ބޭނުންވާ އެންޓިވައިރަލް ބޭސް މާލެއާއި އަތޮޅުތަކަށް ހަމަޖައްސަވައި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދިޔައެވެ.