ތަޢުލީމު

3 ރަށެއްގެ ކްލާސްރޫމްގެ މަސައްކަތް ނިންމާ، ހަވާލުކޮށްފި


3 ރަށެއްގެ ސްކޫލްގައި ސަރުކާރުން އިމާރާތްކުރައްވާފައިވާ ކުލާސްރޫމްތައް ނިންމަވައި، އެރަށްރަށުގެ ސްކޫލްތަކާއި ހަވާލުކުރައްވައިފިއެވެ. 

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، މަސައްކަތް ނިންމަވާ ހަވާލުކުރައްވާފައިވަނީ ހއ ތުރާކުނު ސްކޫލާއި ހއ އުލިގަމް ސްކޫލުގެ އިތުރުން ހދ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ކުލާސްރޫމްތަކެވެ.

img:http://s3.psmnews.mv/images/660x400/14907179495248.jpg|ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ކުލާސްރޫމްތައް / ފޮޓޯ: އެޑިއުކޭޝަން

ހއ ތުރާކުނު ސްކޫލަށް މުޅިން އަލަށް އިތުރުކޮށްފައިވަނީ ދެ ކުލާސްރޫމެވެ. މި މަސައްކަތް ނިންމާ އިމާރާތް އެ ސްކޫލާއި ހަވާލުކޮށްފައި ވަނީ މި މަހުގެ 21 ވަނަދުވަހުއެވެ. ހއ އުލިގަމް ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ދެ ކުލާސްރޫމްގެ މަސައްކަތް އެއްކޮށްނިންމައި މިމަހުގެ ބާވިސް ވަނަދުވަހު ވަނީ އެރަށު ސްކޫލާއި ހަވާލުކުރައްވާފައެވެ. ހދ ކުޅުދުއްފުށީ އަފީއްފުއްދީން ސްކޫލުގައި އިމާރާތްކޮށްފައިވާ ބާރަ ކުލާސްރޫމްގެ މަސައްކަތްވެސް ނިންމާ ހަވާލުކޮށްފައިވަނީ މިމަހުގެ 22 ވަނަދުވަހުއެވެ. މިސްކޫލަކީ ތިންބުރިއަށް އިމާރާތްކޮށްފައިވާ ސްކޫލެކެވެ.

މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރައްވާ ސްކޫލްތަކުގެ ފެންވަރު މަތިކުރެއްވުމަށް ހިންގަވާ މަޝްރޫއުތަކަށް މިދިޔަ އަހަރު ގާތްގަނޑަކަށް 81 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޙަރަދު ކުރައްވާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.