ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙަންމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށްދިޔައީ، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ ގޮތަށްކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.
ދިވެހި ސަރުކާރުން މިކަން ހާމަކުރެއްވީ، މިވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި މިވޯޓާގުޅިގެން އެމެރިކާގެ އެމްބަސީން ނެރުއްވި ބަޔާނަށް ރައްދުދެއްވައި ފޮރިން މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނުގައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ 1932 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، ޑިމޮކްރެޓިކް އުޞޫލުތައް ދަމަހައްޓާ ނެގެހެއްޓުމުގެ އެންމެ މުހިއްމު ރޯލެއް އަދާކުރާ މުއައްސާސަކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަށް އިއްޔެ ނެގި އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންކަން މަޖިލީހުގައި ކުރިއަށްދިޔައީ، ދެފުށް ފެންނަ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށްކަމަށްވެސް އެބަޔާނުގައިވެއެވެ.
މީގެއިތުރުން ދިވެހިރާއްޖެއާއެކު ބައިނަލްއަޤްވާމީ ގުޅުން ބާއްވަމުންދާ ޤައުމުތަކުން، ރައްޔިތުންގެ މަޖިލިސް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މިނިވަން މުޢައްސަސާތަކުން ނިންމަވާ މިފަދަ ނިންމެވުންތަކަށް އިޙްތިރާމް ކުރައްވާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޑިމޮކްރެޓިކް އުސޫލުތައް ކުރިއަރުވައި ނެގެހެއްޓުމަށް ބޭރުގެ ފަރާތްތަކާއެކު ރާއްޖެއިން ކުރައްވާ މަސައްކަތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން މިބަޔާނުގައި ސަރުކާރުންވަނީ ދެއްވާފައެވެ. އަދި ޑިމޮކްރެޓިކް އުސޫލުތަކަށް އިޙްތިރާމްކޮށް، މިނިވަން މުއައްސަސާތަކުގެ ނިންމެވުންތައް ބަލައިގަނެ، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތުގެމަތީގައި އަބަދުވެސް ދެމިއޮންނާނެކަމަށް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.