ޚަބަރު

މޮންގޯލިއާގެ އައު ސަފީރު، ރައީސްއަށް ފަތްކޮޅު އަރުވައިފި


މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ގޮންޗިގް ގެންބޮލްޑް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މޮންގޯލިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

img:http://s1.psmnews.mv/images/660x400/14907009632505.jpg|މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި މޮންގޯލިއާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް 32 އަހަރު ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ރާއްޖެއާއި މޮންގޯލިއާއިން ވަރަށް ޚިޔާލު އެއްގޮތްކަން ފާހަގަ ކުރައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މޮންގޯލިއާގެ ސަފީރަށް ދެއްވާފައެވެ.

img:http://s4.psmnews.mv/images/660x400/14907010772215.jpg|މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މޮންގޯލިއާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަމުގައި އެމަނިކުފާނު ބަލައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާ، މޮންގޯލިއާގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަޙުނިޔާ ދެންނެވިކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި މޮންގޯލިއާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.