ސިއްހަތު

އުމްރާއިން އަންނަ މީހުން ރޯގާއަށް ސަމާލުވުން މުހިންމު


މި ދުވަސްވަރަކީ އުމުރާގެ އަޅުކަން ނިންމުމަށްފަހު މީހުން ރާއްޖެ އެނބުރި އަންނަ ދުވަސްވަރުކަމަށް ވުމާ، މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ އުމުރާއިން އަންނަ މީހުން މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.

އުމްރާއިން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބޭނުން ކުރާ މާސްކާއި ޓީޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުންދާތީ އާއްމު ސާފްތާހިރުކަމަށް، ޚާއްސަކޮށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، އަތް ސާފްކުރުމަށް ސަމާލުކަން ދިނުމާއި، ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިޔުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމަށާއި، ލުނބޯ އިނގުރު އަދި މާމުއި އަޅައިގެން ބުއިންތައް ބޭނުންކުރުމަށާއި، ހުންގަދަނަމަ ގައިގައި ފެންހޭކުމާއި، ޑޮކްޓަރުގެ އިރުޝާދެއް ނެތި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމާއި، ހުން އަދި ރޯގާ ޖެހިގެން ތިން ދުވަހަށްވުރެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރައް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.