ތަޢުލީމު

އައިޔޫއެމް އިން 200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދެއްވައިފިއެވެ. އިސްލާމިކް ޔުނިވަރސިޓީން މިދިޔަ އަހަރު ހިންގެވި ކޯސްތަކުން ދުއިސައްތަ އަށްވުރެ ގިނަ ކުދިން ދަސްވެނިވެފައިވެއެވެ.

ދަރުބާރުގޭގައި ބޭއްވެވި އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޔުނިވަރސޓީން ދެއްވާ އެންމެ ޝަރަޕުވެރި އެވޯރޑް ހާސިލުކުރި ދަރިވަރުންނަށްވެސް އެވޯރޑް ދެއްވާފައިވެއެވެ.

ޔުނިވަރސިޓީން ކަނޑައަޅުއްވާފައިވާ މިންވަރަށްވުރެ މަތިން ކޯސްތަކުން އެއްވަނަ ހޯދާފައިވާ ދަރިވަރުންނަށް ދެއްވާ އެވޯޑް މިއަހަރު 6 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. މި އެވޯޑް ހާޞިލް ކުރި ދަރިވަރުންނަކީ ލ. މާވަށު މާޒީ ފާތިމަތު ޢަމްނާ ޢަޒީޒް، ކ. ގާފަރު އޯކިޑުމާގޭ އަބްދުލް މުޢުމިން، ދ. ހުޅުދެލީ ރަންކޮކާގޭ ދިޔާނާ އަބްދުﷲ، ށ. ފުނަދޫ މާބަގީޗާގޭ އާޝިޔަތު ނުޒުހަތު، ރ. މީދޫ ޕޫލްރޯޝަންގޭ ޢަލީ ޢަރަފާތު އަދި  އއ.ރަސްދޫ، ކަސްތޫރިގޭ ފާތިމަތު އަޒްލިފާއެވެ.

img:http://s2.psmnews.mv/images/660x400/14906861993302.jpg|ޢަބްދުއް ރަޝީދު ޙުޞެއިން- ފޮޓޯ: ޢަލީ ނަޞީރު- ޕީއެސްއެމް

މިދަރިވަރުންނާ އެވޯޑް ހަވާލު ކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުޞެއިންއެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޢަބްދުއް ރަޝީދު ޙުޞެއިން ވިދާޅުވީ، ކިތަންމެ ވަރަކަށް ކިޔެވިޔަސް ރަނގަޅު ތަރުބިއްޔަތެއް ނެތިއްޔާ އެމީހަކީ ކާމިޔާބު މީހަކަށް ނުވާނެކަމަށެވެ. އެހެންކަމުން ރިވެތި އަހްލާޤް އިސްކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އެކަންކަމަށް ވިސްނެވުމަށް ދަރިވަރުންނަށް، ޢަބްދުއް ރަޝީދު ޙުޞެއިން އިލްތިމާސްކުރެއްވިއެވެ.

"މިވާގޮތަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް މިހާރު ކުޑައިރުއްސުރެ އެންމެ ފުރަތަމަ މަންމަގެ އުނގުތެރޭގައި އޮންނައިރުވެސް އެންމެ ފުރަތަމަވެސް މި ފެންނަނީ އައިޕެޑަކުން ޓޮމް އެންޑް ޖެރީ. ޓޮމް އެންޑް ޖެރީއަކީ ކީއްކުރާ އެއްޗެއް. އޭގައި އޮންނަނީ އެކަކު އަނެކަކަށް ލަނޑު ދިނުން. ކެހިދިނުން. އެބަލަމުން އަޅުގަނޑުމެން މިތިބަ ބޮޑެތިވަމުން އަންނަނީ. އެހެންވީމަ ވާގޮތަކީ ރަނގަޅޫ ތަރުބިއްޔަތެއް ނުލިބޭނެ ކުދިންނަކަށް. އަޚްލާޤީ މިންގަނޑަށް މި ފެންނަނީ އެއީކަމަށް އުޅެންވާ ގޮތަކީ." ޢަބްދުއް ރަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖޭގައި އިސްލާމީ ޢިލްމާއި ސަޤާފަތާއި، ފިކުރާއި އަޚްލާޤް ދަމަހައްޓާ ދިރުމުގެ މަޤްޞަދުގައި 2015 ވަނަ އަހަރު ޤާނޫނަކުން އުފެއްދެވި ޔުނިވަރސިޓީއެކެވެ.