ސިޔާސީ

މައުމޫން ޕީޕިއެމްއިން ވަކި ކުރުމަށް ސުލޫކީ ކޮމެޓީން ނިންމައިފި


ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕާޓީޓެ މެމްބަރުކަމުން ވަކި ކުރުމަށް ޕާޓީގެ ސްލޫކީ ކޮމެޓީން ނިންމައިފިއެވެ. ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މިގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އެ ޕާޓީގެ މެމްބަރުކަމުން ވަކި ކުރަން ސްލޫކީ ކޮމެޓީން ނިންމާފައިވަނީ، އެ ޕާޓީގެ ކައުންސިލުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި އެގޮތަށް ނިންމާ ޕާޓީގެ ސްލޫކީ ކޮމެޓީއަށް ހުށައެޅި މައްސަލަ ދިރާސާކޮށް ބެލުމަށްފަހުގައެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނުގައި ވަނީ، ޕާޓީގެ ސްލޫކީ ކޮމިޓީން މި މައްސަލަ ބެލުމުން އެ ކޮމެޓީއަށް ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅިގެން ޕާޓީގެ ސްލޫކީ މައްސަލަތަކާ ބެހޭ ޤަވާއިދުގައިވާގޮތުގެ މަތިން، މައްސަލަ ރައްދުވާ ފަރާތުން ސުލޫކީ ކޮމެޓީއަށް އައްޔަންކުރާ ޕީޕީއެމްގެ 2 މެމްބަރަކު ފޮނުވުމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ދެންނެވުނު ކަމަށާ ނަމަވެސް އެކަމަށް އިޖާބަ ދެއްވާފައި ނުވާކަމަށާއި އަދި އެމަނިކުފާނު ސްލޫކީ ކޮމެޓީއަށް ހާޒިރު ވެފައިވެސް ނުވާކަމަށެވެ. އެހެންކަމުން ކޮމެޓީން މި މައްސަލަ ކުރިއަށްގެންގޮސްފައިވަނީ ސުލޫކީ ކޮމެޓީގައި ހިމެނޭ 5 މެމްބަރުންގެ ހާޒިރުގައި ކަމަށެވެ.

މި މައްސަލަ ބެލުމުން ސްލޫކީ ކޮމެޓީއަށް 7 ކަމެއް ފާހަގަކުރެވިފައިވާކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައިވެއެވެ. ސުލޫކީ ކޮމެޓީއަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ އަސާސްތަކާ ޚިލާފަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ސޯޝަލް މީޑިއާއާއި އެހެނިހެން ފޯރަމްތަކުގައި ޚިޔާލު ފާޅުކުރުމާއި، ޕާޓީގެ ސިޔާސަތާއި ފިކުރާ ޚިލާފަށް ޕާޓީއާއި  އަދި ސަރުކާރާ އިދިކޮޅު ޙަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާއެކު އެއްބަސްވުމެއް ހައްދަވައި ޕާޓީގެ ކައުންސިލުގެ ރުހުމެއްނެތި އެފަދަ އެއްބަސްވުމެއްގައި ޕާޓީގެ ނަމުގައި ސޮއިކުރައްވާފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.