ޚަބަރު

ރ. އިނގުރައިދޫން ގޯއްޗަށް އެދި 255 ފަރާތަކުން ކުރިމަތިލައިފި


މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫން، ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، ގޯތި ބޭނުންވެގެން 255 ފަރާތަކުން ކުރިމަތިލައިފިއެވެ.

އާބާދީގައި 1،900 މީހުން ދިރިއުޅޭ އިނގުރައިދޫން އަލަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 33 ގޯއްޗެވެ. އެރަށު ކައުންސިލުން ވިދާޅުވީ، ފޯމު ހުށައެޅި ފަރާތްތަކުގެ ފޯމުތައް ޗެކް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކާއި، އަދި ފޯމާއިއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅާފައި ނުވާ ފަރާތްތައް މިހާރު ޢާންމުކޮށްފައިވާ ކަމަށެވެ.

ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ދާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް ކަމަށް އިނގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ. އިނގުރައިދޫ ކައުންސިލުން ވަނީ ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށައެޅުމަށް 2 އެޕްރީލްގެ ނިޔަލަށް ހުޅުވާލާފައެވެ. ޝަކުވާގެ ކަންކަން ނިންމުމަށްފަހު ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން، ކައިރި މުސްތަޤްބަލެއްގައި އޮންނާނެ ކަމަށް އިނގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ.