ޚަބަރު

ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދޭނަން - ސަލާމަތީ ބާރުތައް


މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާ ވަގުތާދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުން މީހުން އައުމަށާ، ހަމަނުޖެހުން އުފައްދަން ހިތްވަރުލިބޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުންނާއި ސިފައިން އިލްތިމާސްކުރައްވައިފިއެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގާލައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލި ކޮށްލުމަށް ބައެއް މީހުން މަސައްކަތް ކުރަމުން ދާކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ ޢާއްމު ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

"މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން އައިސް އެބޭފުޅުންގެ ޝުޢޫރުފާޅުކޮށް ހަމަނުޖެހުން ހިންގުމަށް އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން.،" ޙަމްދޫން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން އަބަދުވެސް ފުލުހުންނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެހެންކަމުން އެ އިދާރާ މިހާރުވެސް އޮތީ ފުލުހުން އެހީތެރިކަމަށް އެދިއްޖެނަމަ ވާންޖެހުނު ކޮންމެ އެހީއެއްވުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އާޒިމް ވިދާޅުވިއެވެ. 

"ރައްޔިތުންނަށްވެސް އަޅުގަނޑުމެން އިލްތިމާސްކުރަ. ގައުމުގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުން ނަގާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރެއްވުމަށް،" އާޒިމް ވިދާޅުވިއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައިވާ މާދަމާގެ ޖަލްސާއަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން އައުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފައެވެ. މާދަމާ އޮންނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކު ވިދާޅުވީ މާދަމާގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށާއި އެއްވެސް ފަރާތަކަށް ޤާނޫނުތަކާ ޤަވާއިދުތަކާ ޚިލާފު އެއްވެސް ޢަމަލެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.