ޚަބަރު

މެލޭޝިޔާއަށް މިނިސްޓަރ ޒެނީޝާ ކުރައްވާ ދަތުރުފުޅު


މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިއާގެ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނާ ޢުމުރުން ދުވަސް މީހުން ބަލަހައްޓާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އެކަމަނާ ވަނީ، އެމަރުކަޒުތަކުގެ އިސްވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި، އެމަރުކަޒުތަކުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކާއި ޙަރަކާތްތަކުގެ މަޢުލޫމާތު ހޯއްދަވައި، މިފަދަ މަރުކަޒުތަށް ހިންގުމުގެ ޢަމަލީ، ފަންނީ ތަޖުރިބާ އާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ޖެންޑަރ މިނިސްޓަރ ޒިޔާރަތްކުރެއްވި ތަންތަނުގެ ތެރޭގައި، ކުޑަކުދިންގެ މަރުކަޒުތަކާއި، ކުށްކުރާ ކުދިން އިސްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރާ މަރުކަޒުތަކާއި، ދޮށީ ޢުމުރުގެ މީހުންގެ ޚާއްސަ މަރުކަޒުތަކާއި، އެޢުމުރުގެ މީހުންގެ އެކްޓިވިޓީސް ސެންޓަރެއް ހިމެނެއެވެ.

ޖެންޑަރ މިނިސްޓަރ މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެންސް، ފެމެލީ އެންޑް ކޮމިއުނިޓީ ޑިވަލޮޕްމަންޓާއި، ޔުނެސްކޯ ގުޅިގެން ކުރިއަށް ގެންދިޔަ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.