ޚަބަރު

އޭޑީކޭއިން އިންފުލުއެންޒާ ވެކްސިން ޖަހައިދޭން ފަށައިފި


އިންފުލުއެންޒާ އެޗްވަންއެންވަން އަށް ވެކްސިން ޖަހަން ބޭނުންވާ އެންމެނަށް އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭން ފަށައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ފަސްސަތޭކަ މީހުންނަށް އެ ހޮސްޕިޓަލުން ވެކްސިން ދެމުން ގެންދާނެކަމަށެވެ. އަދި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު މެންދުރުފަހު ތިނަކުން ފަށައިގެންކަމަށެވެ.

އޭޑީކޭއިން މީގެ ކުރިން ދިޔައީ، މާބަނޑު މީހުންނާއި ކެންސަރު ބަލީގެ ފަރުވާ ހޯދަމުން ދާ އަދި ފަރުވާހޯދާފައިވާ މީހުންނާއި ގުނަވަން ބަދަލުކޮށްފައި ތިބި މީހުންނާއި 65 އަހަރުން މަތީގެ ދޮށީމީހުންނަށް ވެކްސިން ދެމުންނެވެ.

ވެކްސިން ޖަހަން އަންނަ އިރު، މާބަނޑު މީހުން އައިޑީ ކާޑާއި އެންޓިނޭޓަލް ކާރޑް، ކެންސަރު ބަލީގެ މީހުންނާއި ގުނަވަން ބަދަލުކޮށްފައި ތިބި މީހުން އައިޑީކާޑާއި އެކު ވެކްސިން ޖަހަން ޑޮކްޓަރުން ދީފައިވާ ލިޔުމެއް ގެންދަންޖެހެއެވެ. އަދި އެހެނިހެން މީހުން ވެކްސިން ޖަހަން އަންނަ އިރު އައިޑީކާޑް ގެނައުމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

ވެކްސިން ދިނުމަށްޓަކައި ފަސޭހަ ގޮތްތަކެއް ރާވަމުންދާކަމަށާއި ގިނަ މީހުންނަށް އެއްފަހަރާ ވެކްސިން ދެވޭނެ ގޮތްތައް ހަދަމުންދާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން ވެކްސިން ދިނުން އާއްމުކޮށް ހުޅުވާލުމާއެކު މިއަދު އެ ހޮސްޕިޓަލް ކައިރީގައި ގިނަ އަދަދެއްގެ މީހުން ޖަމާވެ ކިއުޖެހިފައި ތިބިތަން ފެނިގެންދިޔައެވެ.

އޭޑީކޭގެ އިތުރުން، ދަމަނަވެށިންނާއި ސެނަހިޔާ ހޮސްޕިޓަލުންނާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުން ކަނޑައެޅޭ ވަކި ބަޔަކަށް ވެކްސިން ދިނުމުގެ ހިދުމަތް ދެމުންދެއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުންނާއި ސިއްޙީ މަރުކަޒުތަކުން އިންފުލުއެންޒާ އަށް ވެކްސިން ދެމުންދާނެކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.