ތަރައްްޤީ

6 ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް އެމްއާރޑީސީއާ ޙަވާލުކޮށްފި


ލަފާކުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުގެ ދަށުން 6 ރަށެއްގެ ޖެޓީ ހެއްދެވުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއާރޑީސީއާ ޙަވާލުކުރައްވައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. img:http://s1.psmnews.mv/images/660x400/14905203183815.jpg|ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން 6 ރަށެއްގެ ޖެޓީ ހެދުމަށް އެމްއާރުޑީސީއާއި ވަނީ ޙަވާލުކުރައްވާފައެވެ. ޖެޓީ ހެދުމަށް ޙަވާކުރައްވާފައިވާ ރަށްތަކަކީ ބ. ފެހެންދޫ، ބ. ފުޅަދޫ، ރ. ރަސްގަތީމް، ވ. ފުލިދޫ، ވ. ރަކީދޫ އަދި މ. ރަތްމަންދޫއެވެ. މި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހައުސިން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިޔަށް ގެންދަވާ މި މަޝްރޫޢުގައި ޖެޓީ ހައްދަވަނީ އަބާދީ މަދު، ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކުގައި ކަމަށެވެ. އަދި ރަށްރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ރަށްރަށުގައި ހައްލުނުވެ އޮއްވައި އެކަމަށް ނިމުމެއް ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. img:http://s3.psmnews.mv/images/660x400/14905203973863.jpg|އެމްއާރޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނިމާލް - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން - އެމްއާރޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނިމާލް ވިދާޅުވީ މި މަޝްރޫއުގެ ދަށުން 6 ރަށުގެ ޖެޓީގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ 6 ރަށުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ބޭނުން ކުރެވޭވަރުވާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ބ. ފެހެންދޫ، ރ. ރަސްގެތީމް އަދި ވ. ފުލިދޫ ޖެޓީގެ މަސައްކަތް 130 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބ. ފުޅަދޫ، ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ ޖެޓީގެ މަސައްކަތް 110 ދުވަސް ތެރޭ ނިންމާ ހައުސިން މިނިސްޓްރީ އާއި ޙަވާލު ކުރަންޖެހެއެވެ. މި މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.