ޚަބަރު

ކ.ދ. އަޙްމަދު މަނިކުގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


ސަރުކާރަށް ވަރަށްދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ހެންވޭރު ޝޭޑީގްރޯވ ކ.ދ. އަޙްމަދު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ފޮނުއްވައިފިއެވެ.ކ.ދ އަޙްމަދު މަނިކަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ކ.ދ އަޙްމަދު މަނިކަކީ އޭނާއާ ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްވެސް ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ތަޢުޒިޔާގެ މި މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

ކ.ދ. އަޙްމަދު މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އޭ.ޑީ.ކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރަކީ 82 އަހަރެވެ. ކ.ދ. އަޙްމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

61 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 މޭ 1953 ގައެވެ. ފުރަތަމަ އަދާކުރެއްވީ މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ސިފައިންގެ ތެރޭގައެވެ. 19 އަހަރަށްވުރެ ދިގު މުއްދަތުގައި ސިފައިންގެ ވަރަށް އިސް ރޭންކްތަކެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. މިގޮތުން ސިފައިންގެ 4 ނަންބަރު ސަރުދާރު ކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަން ކުރައްވާފައިވެއެވެ.

ކ.ދ. އަޙްމަދު މަނިކު ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ވަކީލު ކަމުގެ މަޤާމާއި، ކަސްޓަމްސްގެ ސީނިއަރ އެސިސްޓެންޓް ކަލެކްޓަރ ކަމުގެ މަޤާމާއި، ސްޕޯޓްސް ޑިވިޜަންގެ ވަކީލުކަމުގެ މަޤާމު ހިމެނެއެވެ. އަދި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ ނައިބުކަމުގެ މަޤާމާއި، ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަޤާމު ހިމެނެއެވެ. އެންމެފަހުން ފުރުއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަޤާމެވެ. އެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ 5 ނޮވެންބަރު 2008 ގައެވެ.

ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަންވެސް އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު ކުރައްވާފައިވެއެވެ. މިގޮތުން، ލ. އަތޮޅު އަތޮޅުވެރިކަމާއި، ދ. އަތޮޅު އަތޮޅުވެރިކަމާއި، ހދ. އަތޮޅު އަތޮޅުވެރިކަން ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ވަރަށްދިގު މުއްދަތެއްގައި އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު ވަނީ ކުރައްވާފައެވެ. ހދ. އަތޮޅުގެ މެންބަރުކަން 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި ދ. އަތޮޅުގެ މެންބަރުކަން 2 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވެއެވެ. މީގެއިތުރުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހދ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަންވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ކުރައްވާފައެވެ.

އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި، 4 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި، 3 އަންހެން ބޭފުޅުންނެވެ.