ތަރައްްޤީ

27 ރަށެއްގައި ބޯފެން ރައްކާކުރެވޭނެ ނިޒާމް ޤާއިމްކޮށް ނިންމައިފި


ހޫނު މޫސުމުގައި، ރާއްޖޭގެ ރަށްތަކަށް ދިމާވާ ބޯފެނަށް ޖެހުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން 76 ރަށެއްގައި ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން ވިދާޅުވީ ބޯފެނަށް ޖެހުމުގެ މައްސަލައަށް ޙައްލުކޮށްދެއްވުމަށްޓަކައި 27 ރަށެއްގައި ބޯފެން ރައްކާކުރެވޭނެ ނިޒާމް ޤާއިމް ކޮށް ނިންމާފައިވާނެ ކަމަށެވެ. އަދި 76 ރަށެއްގައި ބޯފެން ރައްކާކުރެވޭނެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި، އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައި ޑިޒައިނިންގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ 2018 ވަނައަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، އެރަށަކަށް ބޭނުންވާ މިންވަރަށް ސާފު ބޯފެން ރައްކާކުރެވޭނެ ވަސީލަތްތައް ޤާއިމް ކުރެއްވުމެވެ. ބޯފެން ފޯރުކޮށްދެއްވުމުގެ އިތުރުން ސާފުފެނުގެ ނިޒާމެއް ޤާއިމު ކުރެއްވުމުގެ މަސައްކަތް ވެސް ސަރުކާރުން ގެންދަވަނީ ކުރަމުންނެވެ. ރަށްރަށުގައި ސާފުފެނުގެ ނިޒާމް ޤާއިމު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ފަސޭހަތަކުގެ އިތުރުން އިޤްތިޞާދީ ތަރައްޤީ ހަލުވި ދުވެލީގައި ކުރިޔަށް ދިއުމަށް މަގު ފަހިވެގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ.