ކުޅިވަރު

ލަގްޒެމްބާގް ބަލިކޮށް ފްރާންސް ގްރޫޕްގެ އެއްވަނައަށް


ލަގްޒެމްބާގް ބަލިކޮށް ފްރާންސް ގްރޫޕްގެ އެއްވަނައަށްޖެހިލައިފިއެވެ.

 ވަރލްޑް ކަޕް ކޮލިފައިންގައި ރޭ ލަގްޒެމްބާގްގެ މައްޗަށް ކުރިހޯދީތިންލަނޑު އެއްލަނޑުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ފްރާންސަށް ލީޑު ހޯދަދިނީ އޮލިވިއޭޖިރޫއެވެ. މެޗުގެ 34ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޯޚިމް ލަގްޒެމްބާގަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ތިން މިނެޓްފަހުން ފްރާންސަށް ލިބުނުޕެނަލްޓީއަކުން އަލުން ފްރާންސަށް ލީޑު ހޯދަދިނީ އެންތޮއިން ގްރީޒްމަންއެވެ. ދެވަނަހާފްގައި ފްރާންސްގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުކާމިޔުބުކޮށްދިން އޮލިވިއޭ ޖިރޫއެވެ.

 ރޭގެ މެޗުގައި ޖިރޫ ޖެހި ދެގޯލާއެކު އޭނާ ޤައުމީޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ ތޭވީހަށް އަރާފައެވެ. އަދި ޖިރޫ ވެފައިވަނީ ފްރާންސް ޤައުމީ ޓީމަށް 10ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މިމެޗްގެ ދެވަނަހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ ޒުވާން ފޯވާޑް އެމްބާއްޕޭ ވަނީ ކުޅެން ނުކުމެފައެވެ. މިއީ މޮނާކޯގެ ޒުވާން ފޯވާޑް ސީނިއާ ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. 18އަހަރުގެ އެމްބާއްޕޭ ވެގެންދިޔައީ 1953ވަނަ އަހަރުގެ ފަހުން ފްރާންސް ޖާޒީގައި ސީނިއާ ޤައުމީ ޓީމަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ލަގްޒެމްބާގްގެ މައްޗަށް ހޯދި މޮޅާއެކު ފްރާންސް ގްރޫޕްގެ އެއްވަނައަށް ޖެހިލީ 13ޕޮއިންޓާއެކުއެވެ. ދެވަނައިގައިވާ ސްވިޑްންއަށް ލިބެނީ 10 ޕޮއިންޓެވެ.

 މިގްރޫޕްގައި ނެދަރލެންޑާ ބަލްގޭރިއާ ވާދަކުރި މެޗުން ނެދަރލެންޑް ބަލިވީ ދެލަނޑު ސުންލަނޑުންނެވެ. އެންމެ ފަހުގެ ޔޫރޯއަށްވެސް ކޮލިފައިނުވި ނެދަރލެންޑް 7ޕޮއިންޓާއެކު އޮތީ މިގްރޫޕްގެ 4ވަނައިގައެވެ.