ސިޔާސީ

އިތުބާރުނެތްކަމަށްބުނެ ވޯޓެއް ނަގަނީ ތަރައްޤީއަށް ހުރަސްއެޅުމަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީޙްގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންގެންދަނީ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް، ކުރައްވާ މަސައްކަތްތައް ހުއްޓުވާލައި، ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުންކަމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުގެ ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީޙް މުޙައްމަދަށް ތާޢީދު އޮތްކަން ހާމަކުރުމަށް ޕީޕީއެމްއާއި އެމްޑީއޭގެ ޕީޖީ މެންބަރުން ގުޅިގެން ބޭއްވި ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވީ، މަސީޙްގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ، ރާއްޖެއަށް މިހާރު އަންނަމުންދާ ތަރައްޤީ ހުއްޓުވުމަށްޓަކާ ކުރާ މަސައްކަތެއްކަމަށެވެ. އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދަވާއިރު، އެކަންކަން ހުއްޓުމަކަށް އަންނާނޭ އެއްވެސް ކަމަކަށް ޕީޕީއެމްއާއި އެމްޑީއޭގެ ކޯލިޝަނުން ޖާގަ ނުދޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ހަމައެކަނި ވެރިކަން ކަމަށާއި، ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ ބައެއްނަމަ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް ހުއްޓުވަން ނޫޅޭނޭކަމަށް ސިޔާމް ވިދާޅުވިއެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ޤައުމުގެ ތަރައްޤީއަށް، ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުގެ ހަޤީގަތް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާކަމަށް ސިޔާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ، ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްޤީ ބަލައިގަތުމަށް އިދިކޮޅު ފަރާތްތަކަށް އުނދަގޫކަމަށާ، އެފަރާތްތަކުން މަސައްކަތްކުރަމުންދަނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓުވޭނެ ގޮތެއް ބެލުމަށްކަމަށް ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ނުހިގާ މިންވަރަށް އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާކަން އިޤްތިސާދީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަބަޔަކު ފާހަގަކުރެއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އާދައާޚިލާފު މަޝްރޫއުގެ އިތުރުން އަތޮޅުތަކުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.