ޚަބަރު

ކދ.އަޙުމަދު މަނިކު އަވަހާރަވެއްޖެ


ދިވެހި ސަރުކާރުގެ އިސްމަޤާމުތަކެއްގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ދިގުމުއްދަތެއްވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްކަމަށްވާ ހެންވޭރު ޝޭޑީގްރޯވް ކދ. އަޙަމްދު މަނިކު މިރޭ އިރުއޮއްސުނުއިރު އަވަހާރަވެއްޖެއެވެ. އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

މަރުޙޫމް ކދ. އަޙްމަދު މަނިކަކީ، ސަރުކާރުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއްވަންދެން ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އަދި އެންމެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވަނީ ދިވެހި ސިފައިންގެ ތެރޭގައެވެ. އޭގެފަހުން ސަރުކާރުގެ އެކި މަޤާމުތަކުގައި ހުންނަވައިގެން ޚިދުމަތްކުރައްވާފައިވެއެވެ. އެންމެ ފަހުން އޭނާ އަދާކުރެއްވި އެންމެ އިސް އެއް މަޤާމަކީ އިލެކްޝަން ކޮމިޝަންގެ ރައީސްކަމެވެ.

މަރުޙޫމް ކދ. އަޙްމަދު މަކިނަކީ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެތައް އަހަރެއްވަންދެން ފުރުއްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި ސަރުކާރުގެ ކުޅިވަރު އިދާރާ ސްޕޯރޓްސް ޑިވިޜަންގެ ވެރިޔާގެ ގޮތުގައާއި އިމިގްރޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ކަސްޓްމަސްގެ އެންމެ އިސް މަޤާމު ފުރުވައި އެދާއިރާއިންވެސް ކދ. އަޙްމަދު މަނިކު ވަނީ ރައްޔިތުންނަށް ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރގެ ނާއިބުކަންވެސް އޭނާ ކުރައްވާފައިވެއެވެ. މަރުޙޫމް ކދ އަޙްމަދު މަނިކަކީ ކުޅިވަރު ކުޅުއްވައި އުޅުއްވި ބޭފުޅެއްވެސްމެއެވެ. އޭނާ ކުޅުއްވި އެންމެ ފާހަގަކުރެވޭ އެއްކުޅިވަރަކީ ކުރިކެޓެވެ.

ކދ. އަޙްމަދު މަނިކަނީ އެކި ރޮނގުތަކުން މަޝްހޫރު އަދި މަޤްބޫލް ބޭފުޅަކަށްވުމާއި އޭނާ އެކިދާއިރާތަކުގައި އެތައް އަހަރެންވަންދެން ޚިދުމަތްކުރައްވާފައިވުމާއެކު އޭނާއަކީ ރަހުމަތްތެރިންނާއި ދެކެފަރިތަ މީހުން ގިނަ ބޭފުޅެކެވެ.

މަރުޙޫމް ކދ. އަޙްމަދު މަނިކުގެ ޢާއިލާއިން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވިގޮތުގައި މަރުޙޫމްގެ ޢާއިލާގެ ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވުމާއެކު މަރުޙޫމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މާދަމާގެ ވަގުތެއްގައެވެ. ކދ. އަޙްމަދު މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި 4 ބޭފުޅުން އެބަތިއްބެވިއެވެ. އެއީ ފިރިހެން އެއްބޭފުޅަކާއި އަންހެން ތިންބޭފުޅުންނެވެ. އަންހެން 4 ބޭފުޅުންނާއި ފިރިހެން 2 ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތުން މަރުޙޫމް ކދ.އަޙްމަދު މަނިކަށް ކާފަ ވިދާޅުވާ 6 ބޭފުޅުން އެބަތިއްބެވިއެވެ.