ކުޅިވަރު

ބުފޮންގެ 1000ވަނަ މެޗް، އަދިވެސް ހުއްޓާލަން ނުވިސްނާ


އިޓަލީ އަދި ޔުވެންޓާސްގެ ކީޕަރ ޖިއަންލުއިޖީ ބުފަން ރޭ އޭނާގެ ކެރިއަރުގައި 1000ވަނަ މެޗް ހަމަކުރިއިރު، ރޭގެ މެޗްވެސް ބުފަން ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެއެވެ. ބުފަން 1000 މެޗު ހަމަކުރިއިރު އޭގެ ތެރެއިން އިޓަލީގެ ޤައުމީ ޓީމަށް އޭނާ ކުޅެދީފައިވަނީ 168 މެޗެވެ. މިހާރު ކުޅެމުން އަންނަ ޔުވެންޓާސް އަށް 612 މެޗް ކުޅެދީފައިވާއިރު، ބުފަންގެ ކުރިއާ ފެށި ޕާމާއަށް އޭނާ ކުޅެދީފައިވަނީ 220 މެޗެވެ.

ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ލިސްޓުން ޖާގަ ހޯދާ ބުފަން ވަނީ ގިނަ ކާމިޔާބީތަކެއް ކްލަބް ލެވެލްގައްޔާއި ޤައުމީ ފެންވަރުގައި ހޯދާފައެވެ. އޭގެ ތެރޭގައި 7ފަހަރު ސެރީއޭ 3ފަހަރު ކޮޕާ އިޓާލިއާ ޔޫއެފާ ކަޕް އަދި 2006ވަނަ އަހަރުގެ ވަރލްޑް ކަޕް ހިމެނެއެވެ. ކްލަބް ލެވެލްގައި ބުފަންއަށް ނުލިބޭ ހަމައެކަނި ތައްޓަކީ ޗެމްޕިއަންސް ލީގެވެ. 

2003ވަނަ އަހަރާއި 2015ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ބުފޮން ކުޅުނު ނަމަވެސް ޗެމްޕިއަންސް ލީގު ލިބޭ ގޮތްވަނީ ނުވެފައެވެ. ދެވަނައަށް އީޓަލީއަށް އެންމެ ގިނަ މެޗް ކުޅެދީފައިވާ ޖިއަންލުއިޖީ ބުފޮން ރޭ 1000 މެޗް ހަމަކުރުމަށްފަހު ބުނީ އަދި އިތުރު 1000މެޗު ފުރިހަމަކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަންނަ އަހަރުގެ ވަރލްޑްކަޕަށްފަހު ބުފޮން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބެލެވޭއިރު ކްލަބް ދޫކޮށް ދާން ނުވިސްނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 "އަންގި ދޫކޮށްލާކަން ނުވިސްނަން. ހީވަނީ ކުޅުން ހުއްޓާލެވޭނީ އުމުރުން 65 އަހަރު ވީމަހެން" ޖިއަންލުއިޖީ ބުފަން ބުންޏެވެ.